ބޭރު ކުޅިވަރު

މެޗު ކުޅޭ ދަނޑާމެދު އިޓަލީގެ ކޯޗު ހިތްހަމަނުޖެހިފައި

އަޔަލޭންޑާ ދެކޮޅަށް މިރޭ އިޓަލީ ކުޅޭ މެޗުގެ ވިނަގަނޑާމެދު އިޓަލީގެ ކޮޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ދެ ވަނަ ބުރަސް ދަތުރުކޮށްފައިވާ ގައުމުގެ ކޯޗު ބުނީ މެޗު ކުޅޭ ފްރާންސްގެ ލިއްލޭގެ ދަނޑު އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށެވެ.

"ޔޫރަޕިއަން ޗެމްޕިއަންޝިޕް ކުޅެން މި ދަނޑު ކަމަކު ނުދޭ. މި ދަނޑު ކްރައިޓީއޭރިޔާ އަަށް ނުފެތޭ. އަހަރުމެން ވަރަށް ގިނަ ދަނޑުތައް ޓެސްޓްކޮށްފިން. މިއީ ލަދުވެތި ކަމެއް،" ކޯޗު ބުންޏެވެ.

ކޮންޓޭގެ އިތުރުން އަޔަލޭންޑްގެ ކޯޗު މާޓިން އޯނީލް ވެސް ވަނީ ދަނޑާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ލިއްލެގެ ދަނޑުގައި އެންމެ ފަހުން ކުޅުނީ ފްރާންސާއި ސްވިޒަލޭންޑެވެ. ލަނޑެއް ނުޖެހި ނިމުނު އެ މެޗުގައި ފްރާންސްގެ ޕައުލް ޕޮގްބާ ދެ ފަހަރެއްގެ މަތިން ދަނޑުމައްޗަށް ކަހާލައިގެން ވެއްޓުނެވެ. އަދި ދަނޑު ވިނަގަނޑު ހަލާކުވެފައިވާތީވެ އެ މެޗަށް ދަނޑު ތައްޔާރު ނުކުރެވިދާނެތީވެ އެ ދެ ޓީމަށް މި ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ވެސް ދީފައިނުވެ އެވެ.

އިޓަލީ އާއި އަޔަލޭންޑްގެ ކޯޗުން ދަނޑުގެ މައްސަލަޖެއްސިއިރު މުބާރާތް ކުޅޭ ދަނޑުތަކާމެދު ޔޫއޭފާއިން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.