ސީރިޔާ

އިރާގާއި ސީރިޔާގުޅޭ ބޯޑަރު އުރުދުންއިން ބަންދުކޮށްފި

Jun 22, 2016

އިއްޔެ އުރުދުންގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއަށްފަހު އިރާގާއި ސީރިޔާއާގުޅޭ ބޯޑަރު ސަރަހައްދު އުރުދުންއިން ބަންދުކޮށްފި އެވެ.

އިއްޔެގެ ބޮމުގެ ހަމަލާގައި ހަ މީހަކު މަރުވެ 14 މީހަކު ވަނީ ޒަހަމްވެފައެވެ. އުރުދުންގެ ސިފައިންގެ ޖެނަރަލެއް ކަމަށްވާ މިޝޭލް އަލް ޒިބިން ވިދާޅުވީ ހަމަލާއަށްފަހު އުރުދުންގެ އުތުރު ސަރަހައްދުގެ ބޯޑަރާއި އުތުރު އިރުމަތީ ސަރަހައްދު ބޯޑަރަކީ މިހާރު ދަތުރު ކުރުން މަނާ ސަރަހައްދު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެސަރަހައްދުގައި އެއްވެސް ކަމެއް ހިނގާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް އުޅަނދެއް އެ ސަރހައްދުން ހުރަސް ކުރި ނަމަވެސް، ނުވަތަ އެއްވެސް ކޯޑިނޭޝަނެއް ނެތި މިސަރަހައްދު ހަރަކާތްތެރިވިޔަސް އެ ފަރާތަކާމެދު އަމަލު ކުރާނީ ދުޝްމަނުންނާ މެދު އަމަލު ކުރާ ގޮތަށް. މިކަމުގައި އެއެވެސް ފަސް ޖެހުމެއް ނޯންނާނެ،" މިޝޭލް އަލް ޒިބިން ވިދާޅު ވިއެވެ.

ބޮމުގެ ހަމަލާ ދިން ސަރަހައްދަކީ ސީރިޔާ ރެފިއުޖީން ދިރިއުޅޭ، ސަރަހައްދެކެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނީ، އެހީ ފޯރުކޯށްދިނުމަށް ހަރަކާތެރިވާ މީހުންވެސް އުރުދުންގެ ސަރުކާރުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރެފިއުޖީންގެ ޒަރޫރީ ބޭނުންތަކަށް އަސަރު ކުރާނެ ކަމަށެވެ.