ރަސްފަންނާއި ދިމާލުން މޫދަށް ބާލައިފައިވާ ނަޖިސް ހޮޅިތައް މާލޭގެ ހުޅަނގު ދެކުނުން ހިއްކައި ސިނާއީ އަވަށަށް ބަދަލު ކުރަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
ނަޖިސް ހޮޅިތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ އިރު މީގެ ކުރިން ވަނީ ނަޖިސް ހޮޅިތައް ފަޅައިގެން ގޮސް ލީކުވެ ރަސްފަންނު މޫދަށް އެރުން މަނާ ވެސް ކޮށްފައެވެ. އަދި އޭގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވި އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރަސްފަންނު ސަރަހައްދުން ކަނޑަށް ބާލައިފައި އޮންނަ ނަޖިސް ހޮޅިތައް، މިހާރު ތަރައްގީ ކުރަމުން އަންނަ އިންޑަސްޓްރިއަލް ވިލެޖާ ދިމާލަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކުރަން ވަރަށް އަވަހަށް ބަޔަކައި ހަވާލު ކުރާނެ ކަމަށެވެ.
"ނަޖިސް ހޮޅިތައް ދެން ނުހުންނާނެ ރަސްފަންނާއި ދިމާލުގައި. އެ ހޮޅިތައް އަލަށް ކުނިމެނޭޖް ކުރުމަށް ތަރައްގީ ކުރާ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން މި މިނިސްޓްރީ [ހައުސިން މިނިސްޓްރީ] އިން ނިންމައި ބަޔަކާ ހަވާލު ކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ނަޖިސް ހޮޅިތައް ބަދަލުކުރަން ނިންމައިފައި ވަނިކޮށް ދާދި ފަހުން ބަޔަކު ވަނީ ރަސްފަންނު މޫދަށް ކަޅުތެޔޮ އަޅައިފަ އެވެ. އެކަމާ ގުޅިގެން އަނެއްކާވެސް ރަސްފަންނަށް އެރުން ވަނީ މަނާކޮށްފަ އެވެ. ހައުސިން މިނިސްޓްރީ އިން ބުނީ އަދިވެސް ލޮނުގަނޑުގެ ތަހުލީލުތައް ކުރިޔަށްދާ ކަމަށެވެ. އަދި މޫދަށް އަލުން އެރެވޭނެ ވަކި ދުވަހަށް ދަންނަވަން ނޭނގޭ ކަމަށެެ.