ވިޔަފާރި

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރި ބޮޑުތަނުން އިތުރުވެއްޖެ

Feb 14, 2015

ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނި އެމްޓީސީސީން މިދިޔަ އަހަރުގެ ފަހު ކްއާޓާގައި ކުރި ވިޔަފާރި ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.

އެމްޓީސީސީން މިދިޔަ އަހަރު އާއްމުކޮށްފައިވާ ފަހު ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ފަހު ކްއާޓާގައި އެ ކުންފުނިން 225 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރި އެރުމެކެވެ. އަހަރުގެ ފުރަތަމަ ކުއާޓާގައި ކޮށްފައިވަނީ 174 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓާގައި ކޮށްފައިވަނީ 186 މިލިއަން ރުފިޔާގެ މީގެ އިތުރުން ތިންވަނަ ކުއާޓާގައި ކޮށްފައިވަނީ 187 މިލިއަން ރުފިޔާގެ ވިޔަފާރި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ވިޔަފާރި އިތުރުވެގެން ދިޔަ އެއް ސަބަބަކީ މި ކުއާޓާގައި ލިބުނު މަޝްރޫއުތައް ގިނަވުމެވެ. މި ދިޔަ އަހަރު އެ ކުންފުނިން ޖުމްލަ 48 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ކުއާޓާގައި އެކަނި ވެސް 41 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވެ އެވެ.

އެމްޓީސީސީގެ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނިންޏަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަސައްކަތްތަކުންނެވެ. އެ ކުންފުންޏަށް ފަހު ކުއާޓާގައި ކޮންޓްރެކްޓިން މަސައްކަތްތަކުން 136 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އާއްމު ވިޔަފާރީން 59 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދަތުރުފަތުރުގެ ބައިން ލިބިފައިވަނީ 26 މިލިއަން ރުފިޔާ އެވެ. އަދި ޑޮކިން އާއި މެއިންޓަނަންސް ހިދުމަތުން ދެ މިލިއަން ރުފިޔާ ލިބުނެވެ.