އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކުށުގައި މަރަން ހުކުމް ކޮށްފައިވާ ހުސައިން ހުމާމްގެ ނަފުސާނީ ހާލަތު ދެނެގަތުމަށް ނަފްސާނީ ޑޮކްޓަރަކަށް ދައްކާ ޓެސްޓެއް ހެދުމުގެ އަމުރެއް ނެރެ ދިނުމަށް ސުޕްރީމް ކޯޓްގައި ހުމާމުގެ ވަކީލް އަބްދުﷲ ހަސީން އެދިއްޖެ އެވެ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުމާމުގެ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލާގެ މިއަދުގެ އަޑު އެހުމުގައި ހުމާމުގެ ފަރާތުން ވަނީ ފަހު ފުރުސަތުގައި ފާހަގަ ކުރަން ބޭނުންވާ ނުކުތާތައް ފާހަގަކޮށްފަ އެވެ. ހުމާމުގެ ފަރާތުން ގިނަ ނުކުތާތަކެއް މިއަދު ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ހުމާމު ކުށަށް އިއުތިރާފުވެފައިވަނީ، ބިރު ދައްކައިގެން ކަމަށް ބުނާ ބުނުން މިއަދު ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. ހަސީން ވިދާޅުވީ، ވިލިނގިލީގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ހުމާމު އެކަނި ބައިންދައިގެން އަފްރާޝީމްގެ އަޑު އިއްވާ އޭނާއަށް ބިރު ދައްކާފައިވާ ކަމަށެވެ. އަދި ހުމާމުގެ ބައްޕަ މަރާލާފައިވާ ކަމަށް ބުނާ ހަބަރެއް ވެސް އޭނާއަށް ދައްކާފައިވާ ކަމަށާއި އަފްރާޝީމް އަވަހާރަކޮށްލެވުނު ބަޔަކަށް ހުމާމުގެ އާއިލާ ވެސް ދުއްވާލެވޭނެ ކަމަށް ބުނެ ފުލުހުން ހުމާމަށް ބިރު ދައްކާފައިވާ ކަމަށް ހަސީން ވިދާޅުވި އެވެ. މީގެއިތުރުން ފުލުހުންގެ އިސްވެރިންތަކެއް ވެސް ހުމާމާ ބައްދަލުކޮށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ހުމާމު އިއުތިރާފުވެފައިވަނީ ބިރުން ހުރެ ކަމަށާއި އިއުތިރާފުވީ ވެސް ދެ ދުވަހު ނުނިދާހުރެ ކަމަށް ހަސީން ވިދާޅުވި އެވެ.
ހުމާމްގެ ވަކީލް ވިދާޅުވީ، އަދިވެސް ފުލުހުން ހުމާމާ ބައްދަލުކުރާ ކަމަށެވެ. އެގޮތުން އިންވެސްޓިގޭޝަން އޮފިސަރު ސާމިހު ވަރަށް ފަހުން ވެސް ހުމާމާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެކަން ބަލަންޖެހޭ ކަމަށެވެ. ހުމާމަށް އަދިވެސް ނަފްސާނީ ނުފޫޒު ފޯރަމުންދާ ކަމަށް ހަސީން ވިދާޅުވި އެވެ.
ހަސީން ވިދާޅުވީ، ހުމާމު އިއުތިރާފުވިއިރު އޭނާގެ ބުއްދި ސަލާމަތުންހުރިތޯ ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. ކަރެކްޝަންގެ މެޑިކަލް ސެންޓަރުން ހުމާމުގެ ސައިކޮލޮޖިކަލް ޕްރޮފައިލަކާއި އެމްއާރްއައި ހެދުމަށް ލަފާ ތިން ފަހަރެއްގެ މަތިން ދިން ކަމަށާއި ނަމަވެސް އެއްވެސް ފަހަރެއްގައި ހުމާމު ނަފްސާނީ ޑޮކްޓަރަކަށް ދައްކާފައިނުވާ ކަމަށެވެ. ހަސީން ވިދާޅުވީ ހުމާމަކީ ނަފްސާނީ ގޮތުން ފިޓް މީހެއް ނޫން ކަމަށެވެ. އެހެންކަމުން ހުމާމުގެ ނަފްސާނީ ޓެސްޓެއް ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށް އަމުރެއް ނެރެދިނުމަށް ހަސީން ވަނީ ޝަރީއަތުގައި އެދިފަ އެވެ.
ކުޑަކުދިންނާ ބެހޭ ކޯޓުގައި ހުމާމަށް 18 އަހަރު ވުމުގެ ކުރިން ކުރިއަށްދިޔަ ޝަރީއަތެއްގައި ވެސް ހުމާމުގެ ބައްޕަ ފަރީދު ހުމާމުގެ ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނެ ހެކިބަސް ދީފައިވާކަން ހަސީން ފާހަގަކުރި އެވެ. ހަސީން ވިދާޅުވީ ހުމާމަށް ބިރު ދެއްކި މައްސަލަ ބަލައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުނު ކަމަށެވެ. އަދި އެ ކޮމިޝަނުން ވެސް ހުމާމުގެ ނަފްސާނީ ހާލަތު ބެލުމަށް ލަފާދިން ކަމަށެވެ. އަދި އެޗްއާރްސީއެމްއިން ވެސް އެގޮތަށް އަންގާފައިވާ ކަމަށް ހަސީން ވިދާޅުވި އެވެ.
މީގެއިތުރަށް އަފްރާޝީމްގެ ޅަ ދަރިން ބޮޑުވަންދެން ހުމާމު ނުމަރާ ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވެ ވަނީ ނުކުތާއެއް ފާހަގަކޮށްފަ އެވެ. ހަސީން ވިދާޅުވީ، ހުމާމު މަރަން ހުކުމްކޮށްފައިވަނީ އަފްރާޝީމްގެ ދަރިން ބަސް ނުހޯދާ ކަމަށެވެ. އެއީ އަދި ކުޑަ ކުދިން ކަމަށްވާތީ މަލަކީ މަޒުހަބުގައި އެކަން އޮންނަ ގޮތަށް ބަލާ ކުރިމިނަލް ކޯޓުން ނިންމާފައިވަނީ މުޖުތަމައުގެ މަސްލަހަތު ދަމަހައްޓަން ހުމާމު މަރަން ހުކުމް ކުރުމަށެވެ. ހަސީން ވިދާޅުވީ، އެ ކުދިން ބޮޑުވެ 18 އަހަރު ފުރެންދެން ހުމާމު ޖަލުގައި ބެހެއްޓުމުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތަށްކުރާނެ އަސަރެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ރާއްޖޭގައި އިހު ޒަމާނުންސުރެ އަމަލުކުރަމުން އަންނަނީ ޝާފީ މަޒުހަބަށް ކަމަށްވާތީ، ހުމާމަށް މަރުގެ ހުކުމް އިއްވިއިރު ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބޭނަމަ އެ މަޒުހަބުގައި އަމަލުކުރާ ގޮތަށް ބަލާފައިނުވާ ކަމަށެވެ.
ހުމާމުގެ ފަރާތުން ނެގި ނުކުތާތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ، ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބޭނަމަ އެކުދިންގެ ބަސް ނުހޯދާ ދެން ތިބި ވާރިސުންގެ ބަހަށް ބުރަވެ މަރުގެ ހުކުމް އިއްވޭނެ ކަމަށް މާލިކީ މަޒުހަބުގެ އިތުރުން ހަނަފީ މަޒުހަބުގައި ވެސް ބުނެފައިވާ ކަމަށެވެ.
ނަފުސާނީ ހާލަތާ ބެހޭ ގޮތުން ހުމާމް ނެގި ނުކުތާތައް ދައުލަތުން ދިން ރައްދަކީ ޖިނާއީ ކުށަކުން ބަރީއަވެވޭވަރުގެ ނަފުސާނީ މައްސަލައެއް ހުމާމުގެ ހުރިކަން ސާބިތުކޮށްދެވިފައިނުވާ ކަމެވެ. ހުމާމަށް ބިރު ދެއްކި ކަމަށް ބުނާ ބުނުމަށް ދައުލަތުން ދިން ޖަވާބަކީ ނަފުސާނީ މައްސަލައެއް ހުރުމަކީ ބިރު ދެއްކި ކަމުގެ ހެއްކެއް ނޫން ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ހުމާމަށް ފުލުހުން ބިރު ދެއްކި ކަމަށް ބުނެ ސާބިތުހިފޭފަދަ ސަބަބުތަކެއް ދެއްކިފައިނުވާ ކަމަށެވެ. އަދި ހުމާމު އިއުތިރާފުވީ، ފުލުހުންގެ ނުފޫޒުން ކަމަށް ބުނާއިރު، އެ އިއުތިރާފުން ހުމާމު ރުޖޫއަވިއިރު ވެސް ހަމަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެބުނާ ބާރާއި ނުފޫޒު އޭނާގެ މައްޗަށް ފޯރާނަމަ އޭރު ވެސް އެ ނުފޫޒު ފޯރާނެ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގެ ތަހުގީގު އަދިވެސް ކުރިއަށް ދިޔަ ނަމަވެސް ހުމާމުގެ ބައި ނިމިފައިވާ ކަމަށެވެ. ހުމާމަށް ދައުވާކުރީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބުމުން ކަމަށެވެ. އަދި ހުމާމަކީ މި މައްސަލާގައި އިއުތިރާފުވެސް ވެފައިވާ މީހެއް ކަމަށެވެ. ވަކީލް ވިދާޅުވީ، އިއުތިރާފުވުމަށްފަހު އެ އިއުތިރާފުން ރުޖޫއުނުވޭނެ ކަމަށް ގިނަ އިލްމްވެރިން އެއްބަސް ވެލައްވާފައިވާ ކަމަށެވެ. އަދި ރުޖޫއަވެއްޖެ ހާލަތެއްގައި ބަލަންޖެހޭނީ ދެން ހުރި ގާރީނާތަކަށް ކަމަށެވެ. ހުމާމާ ދެކޮޅަށް ހުރި ގަރީނާތަކުން އޭނާގެ އިއުތިރާފަށް ބާރު ލިބޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
އަޑުއެހުންތައް ނިންމާލުމުގެ ކުރިން ހުމާމަށް އެއްޗެއް ބުނުމުގެ ފުރުސަތު ޝަރީއަތުން ވަނީ ދީފަ އެވެ. ހުމާމު ޝަރީއަތުގެ މަޖިލީހުގައި ދެ ކަމެއް ފާހަގަކުރި އެވެ. ހުމާމު ބުނީ އޭނާއަށް ހަދީސްތަކުން އެނގިފައިވާ ގޮތުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާނީ އެކަމެއް އެމީހަކު ކުރާތަން ދެ މީހެއްްގެ ލޮލަށް ފެނިގެން ހެކި ބަސް ދިނުމުން ކަމަށެވެ. އެ ނޫނީ ކުށް ސާބިތުވާނީ ހަތިމުގައި އަތްލައި އެކަމަށް ހުވާކުރުން ކަމަށެވެ.
އޭގެއިތުރަށް ހުމާމު ބުނީ، "ޝަރީއަތެއް ނެތް ތަނެއްގައި ކުރާ ހުކުމަކުން އެކަމުގައި ބައިވެރިވާ އެންމެންނަށް ޖަޒާ ލިބޭނެ" ކަމަށެވެ.
މި މައްސަލާގެ ދެ އަޑުއެހުމެއް މި ހަފުތާ ކުރިއަށް ގެންދިޔައިރު މިއަދު ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވާކަން ޝަރީއަތުން އިއުލާންކުރައްވާފަ އެވެ. ދެން އޮންނާނީ މައްސަލާގައި ގޮތެއް ނިންމުމެވެ. މި މަރުހަލާގައި ހުމާމަށް ކާމިޔާބުނުވެއްޖެނަމަ މަރުގެ ހުކުމް ތަންފީޒުކުރާނެ އެވެ. މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.