އިންޑިއާ

ޖައްވީ ސައިންސްގައި އިންޑިއާއަށް ބޮޑު ކާމިޔާބެއް! އެއްފަހަރާ 20 ސެޓަލައިޓް ޖައްވަށް ފޮނުވާލައިފި

Jun 22, 2016
1

އެއް ރޮކެޓެއްގައި 20 ސެޓްލައިޓް އިންޑިއާއިން މިއަދު ޖައްވަށް ފޮނުވާލައިފި އެވެ.

މީއީ އިންޑިއާގެ ޖައްވީ ދިރާސާގެ ހަޔާތުގައި އެއްފަހަރާ އެންމެ ގިނައިން ޖައްވަށް ފޮނުވާލި ސްޓްލައިޓް ދަތުރެވެ. މި ސެޓަލައިޓް ފޮނުވާލާފައި ވަނީ 26 މިނެޓް ތެރޭގަ އެވެ.

އަންތަރަ ޕްރަދޭޝްގައި ހުންނަ އިންޑިއާގެ ޖައްވީ ސްޓޭޝަނުން މިއަދު ހެނދުނު ފޮނުވާލި މިސައިލްގައި އުފުލާފައިވަނީ އިންޑިއާގެ އިތުރުން އެމެރިކާ އާއި ކެނެޑާއާއި ޖަރުމަނާއި އިންޑޮނޭޝިއާއާއި ގޫގުލް ކުންފުނީގެ ސްޓްލައިޓްތަކެވެ.

ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުން މިއަދު ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލި ސްޓްލައިޓްތަކަކީ ބިލިއަން ޑޮލަރުގެ ޖައްވީ ވިޔާފާރީގެ ބާރުވެރި ގައުމަކަށް ވުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.

އެއް މިޝަންގައި ޖައްވަށް އެންމެ ގިނައި ސެޓްލައިޓް ފޮނުވާފައިވާ ގައުމަކީ ރަޝިޔާއެވެ. އެގައުމުން ވަނީ 2014 ވަނަ އަހަރު 37 ސެޓްލައިޓް ޖައްވަށް ފޮނުވާލާފަ އެވެ.

އެމެރިކާގެ ނާސާއިންވެސް ވަނީ 29 ސެޓްލައިޓް އެއް މިޝަންގައި ލޯންޗްކޮށްފަ އެވެ.

އެންޑީ ޓީވީ ގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ޖައްވީ ދިރާސާއަ ބެހޭ އިދާރާ (އިސްރޯ) ޗެއާމަން ކިރަން ކުމާރު ވިދާޅުވީ އެއް ރޮކެޓެއްގައި 20 ސެޓްލައިޓް ޖައްވަށް ފޮނުވާލެވުމަކީ ޖައްވުގެ ދޫނި ތަކެއް އުއްދުއްސާލުން ފަދަ ކަމެއް ކަމަށެވެ.

"މިކުޑަ ކުޑަ އޮބްޖެކްޓް ޖައްވުގައި ހަތާކަތްތެރިވާނީ އޭގެ އަމިއްލަ ޒާތުގައި. މާނައަކީ އެހެން ސެޓްލައިޓްތަކުން މިނިވަން ވެގެންނޭ. މި ފަރުމާކޮށްފައިވަނީ ކޮންމެ އެއްޗެއްގައި ދިރުމެއް ވާފަދައިން،" އިންޑިއާއިން ފޮނުވާލި ސެޓްލައިޓްތައް ސިފަކޮށްދެމުން ކިރަން ވިދާޅުވިއެވެ.