ފިނިޕޭޖް

އަންނަ އޯގަސްޓުގައި ނީނާ ފެންނާނެ!

ނީނާ ސަލީމް ކުރަން ބޭނުންވި ކަމަކީ ފިލްމް ކުޅުމެވެ. އަމީނިއްޔާގައި ކިޔެވިއިރު ވެސް އެކަމަށް ޝައުގުވެރިކަން ހުއްޓެވެ. ފިލްމުކުޅެ އެކްޓު ކުރުމާ ދިމާއަށް ނީނާގެ ޝައުގުވެރިކަން ދަމައިގަތީ ކޮން އިރަކުކަން ބުނާކަށް އޭނާއަކަށްވެސް ނޭނގެ އެވެ. ފަހަރުގައި އާއިލީ ކަމަކަށްވެސް ވެދާނެ އެވެ. އޭނާ އަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އާއިލާ އަކަށް ނިސްބަތްވާ ތަރި އެކެވެ.

އޭރު ފިލްމީ ދާއިރާގައި ބޮޑަށް ލަވަތަކުގައި ހަރަކާތްތެރިވި އަހުމަދު ގިޔާސް ހޯދައިދިން ފުރުސަތެއްގައި ފުރަތަމަ ލަވަ ނީނާ ކުޅުނު އިރު އޭނާގެ އުމުރުން އޭރު އެންމެ 16 ވަރަކަށް އަހަރެވެ. އެ ލަވަ އަކީ "ބުނޭ ބުނޭ ހުސް ހާސަރު މީ" އެވެ. އެއަށްފަހު ފިލްމީ ދާއިރާގައި ނީނާ ފިޔަ ޖަހައިގަތީ އެވެ. އެއީ 1996 ހިސާބުގަ އެވެ. ގިނަ މީހުންނަށް ނީނާ ތައާރަފްވެ ސަޕޯޓު ލިބި ފިލްމުތަކާއި ޑްރާމާތަކުގައި އާންމުންނަށް އެންމެ ގިނައިން ފެންނަ އެއް މޫނަށް ނީނާ ވީ އެވެ.

އެހެން ނަމަވެސް ކައިވެންޏެއްކޮށް ދިރިއުޅުމެއް ފެށި ހިސާބުން މަޑު މަޑުން ފިލްމީ ދާއިރާއިން ގެއްލެމުން ގޮސް ނީނާ ގެއްލުނީ އެވެ. ކައިވެނި ކުރުމުގެ އިތުރަށް ވަޒީފާއަކަށް ވެސް ދިއުމަށްޓަކަ އެވެ. އެކަމަކު މިހާރުވަނީ އަލުން މި ދާއިރާއަށް ނީނާ ނުކުމެފަ އެވެ. ދެ އަހަރެއްވަރު ކުރިން ފެށިގެން އަނެއްކާ ވެސް ނީނާ ވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފަށާފަ އެވެ. އެކަމަކު ކެމެރާގެ ފުރަގަހުގަ އެވެ. ގިނަ ފިލްމު ތަކާއި ޑްރާމާތަކަށް އަދި ލަވަތަކަށް ނީނާވަނީ މޭކަޕް ކޮށްދީފަ އެވެ.

"އަސްލު އެހާ ވަރަށް ޓައިމް ނުދެވޭތީ ދުރުވީ. ރާއްޖެތެރެއަށް ދާން ޖެހޭތީ އޭރުގެ ފިރިމީހާ އެހާ ހިތް ހަމައެއް ނުޖެހޭ ރާއްޖެތެރެއަށް ގޮސް އެހެން ފިލްމީ ދާއިރާގައި އުޅޭކަށް، އެކަމަކު މާލޭގައި ވިއްޔާ އޯކޭ" މިހާރު ދެވަނަ ކައިވެންޏެއް ކޮށްގެން އުޅޭ ނީނާ ކިޔައިދިނެވެ. އަދި ދަރިޔަކު ނުލިބެ އެވެ.

އަންނަ އޮގަސްޓުމަހު އަނެއްކާވެސް ނީނާ ފެންނާނެ އެވެ. "މަލިކާ" ނަމަކަށް ކިޔާ މި ފިލްމުގައި ނީނާ ފެނިގެންދާނެ ކަމަށްވަނީ މަޑުމައިތިރި ރޯލަކުންނެވެ. މަޑުމައިތިރި ރޯލުތަކުން ގިނަ އަދަދަކަށް ނީނާ ފެނިފައި ހުއްޓަސް ގިނަ ޑައިރެކްޓަރުން ބޭނުންވަނީ ނީނާ ލައްވާ ނެގަޓިވް ރޯލް ކުޅުވަން ކަމަށް ނީނާ ބުންޏެވެ. ފަހަރުގައި އެއީ ރޯލުމަށްވުރެ ވަރުއަރުވާލާފައި ޒީލަ ގަދަކޮށް ހަޅޭއްލަވާ އަޑުގަދަ ކުރަން ނީނާ މާ މޮޅީ ކަމަށް ޑައިރެކްޓަރުންނަށް ގަބޫލުކުރެވިފައި އޮތީ އެވެ. ދެހާހުގެ ކުރީކޮޅު މަޝްހޫރުވި "ކައްތިރި" ޑްރާމާއިން އެކަން ވަރަށް ރަނގަޅަށް އެނގި ޑައިރެކްޓަރުންގެ ގަބޫލުކުރުން ގޯސް ނޫންކަން ދޭހަވެ އެވެ. އެއީ ނީނާގެ ފުރަތަމަ ޑްރާމާވެސްމެ އެވެ. އެކަމަކު ކުޅެން ޖެހުނު ކޮންމެ ރޯލެއް ކުޅެންވެސް އަދިވެސް ނީނާ ހުރީ ތައްޔާރަށެވެ.

"މިހާރު ހުރިހާ ރޯލެއް ކަހަލަ ގޮތަކަށް ކުޅެވިފައި ހުރީ. ރޯން ޖެހޭ ރޯލުތައްވެސް، ރުޅިގަދަ ނެގެޓިވް ރޯލުވެސް، މޮޔައެއްގެ ރޯލުވެސް ކުޅުނިން، އެއީ ވަރަށް ތަފާތު ތަޖުރިބާއެއް، އެންމެ ފުރަތަމަ ވަރަށް އުނދަގޫ ކަމަކަށްވީ" ނީނާ ބުންޏެވެ.

ނީނާ ކުޅެފައިވާ ލަވަތަކާއި ފިލްމު އަދި ޑްރާމާތަކުގެ އަދަދު ބުނެލަން ފަސޭހަ ނޫނަސް އޭނާ ކުޅެފައިވާ ގިނަ ޑްރާމާތަކަކީވެސް ވަރަށް ބޮޑު ތަރުހީބު ލިބިފައިވާ ޑްރާމާތަކެވެ. އޭގެ ތެރޭގައި "ކައްތިރި"، "ހިނިތުންވެލާށޭ ކަލާ" އަދި "އަހަރެންގެ ޅަޑެޑީ" ފާހަގަކޮށްލެވެ އެވެ. ބައެއް ފިލްމުތަކަށް ބަލާއިރު "ކަށްވަޅަށް ދާންދެން"، "ހަނދުކޭތަ"، "ހިތް ހަލާކު" އަދި "ދަރިންނަށްޓަކައި" މިއީ ނިކަން ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ.

އެހެންވީމަ ކުރިއަށް އޮތްތާގައި ނީނާ ފެންނާނެ އެވެ. ފިލްމީ ދާއިރާއިންނެވެ. ކެމެރާގެ ކުރިމަތިން އަދި ފުރަގަހުންވެސްމެ އެވެ. ފިލްމްކުޅުމުގެ ހުވަފެނުގައި ކުލަ ޖެއްސުނުއިރު އަދި ނީނާ ކުލަ ޖައްސަން ބޭނުންވާ އެހެން ހުވަފެނެއްވެސް އެބައޮތެވެ. އެއީ އަމިއްލަ ވިޔަފާރިއެއް ފެށުމެވެ. ނީނާ މިހާރުދަނީ އެކަމަށްވެސް ތައްޔާރުވަމުންނެވެ. ވަރަށް އަވަހަށް އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށާނެ އެވެ.