ޔޫރޯ 2016

އައިސްލޭންޑް ގައުމީ ދުވަހަކަށް ހަދަންވީ ޔޫރޯގެ ދެވަނަ ބުރަށް ދިޔަދުވަސް: ކޯޗު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް އައިސްލޭންޑް ދަތުރުކުރުމާ ގުޅިގެން މިއަދަކީ އެ ގައުމުގެ ގައުމީ ދުވަސް ކަމަށް ހަމަޖައްސަަން ފެންނަ ކަމަށް ޓީމުން ބުނެފި އެވެ. ކޯޗު ހާމިރް ހަލްގްރިމްސަން ބުނީ މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ގައުމު ދެ ވަނަ ބުރަށް ދިއުމަކިީ އާދައިގެ ކާމިޔާބީއެއް ނޫން ކަމަށެވެ.

"އެންމެވެސް ތިބީ މިއުފަލުގައި. އެންމެންތިބީ މެޗު ބަލަން. އަހަންނަށް ހީވަނީ ގައުމީ ދުވަސްވެސް މިހާރު މިއަދަށް ބަދަލުކުރަންވީހެން.
އާއްމުކޮށް ގައުމީ ދުވަހަކީ ޖޫން 17 ވަނަ ދުވަސް. އަހަންނަށް ހީވަނީ [ސަރުކާރުން] މިކަން ބަދަލު ކުރާނެހެން. މެޗު ބަލަން އެންމެން ތިބިއިރު މިއީ އަހަރުމެންނަށް ކިހާ މުހިންމު ކާމިޔާބީއެއްކަން އެވަނީ ފެނިގެންގޮސްފައި،" ޔޫރޯގެ ދެ ވަނަ ބުރަށް ދިއުމުން މުޅި ގައުމު އުފާފާޅު ކުރަމުންދާތީވެ އެކަމަށް އިޝާރާތް ކުރަމުން ކޯޗު ބުންޏެވެ.

އައިސްލޭންޑަކީ ރާއްޖެއަށްވުރެ އާބާދީ މަދު ގައުމެކެވެ. އެ ގައުމުގެ 330،000 މީހުން މަގުތަކަށް ނުކުމެ އުފާފާޅު ކުރަން ފެށީ ރޭ އޮސްޓްރިއާ އަތުން 2-1 އިން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުންނެވެ. އެގައުމު ދެ ވަނަ ބުރަށް ދިޔައީ މަޝްހޫރު ޕޯޗުގަލް އަށްވުރެ ކުރި ހޯދައިގެންނެވެ. ޕޯޗުގަލް އަށް ތިން ޕޮއިންޓް ލިބުނުއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އައިސްލޭންޑް ގްރޫޕުގެ ދެ ވަނަ ހޯދީ ފަސް ޕޮއިންޓާއެކުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ވާދަކޮށް 1-1 އިން އެއްވަރު ކުރިއިރު ދެ ވަނަ މެޗުގައި ހަންގޭރީއާ ވާދަކޮށް އެއްވަރުވީ ވެސް މި ނަތީޖާއިންނެވެ. ޔޫރޯގައި ފުރަތަމަ ފަހަރަށް ވާދަކުރި އައިސްލޭންޑް ދެ ވަނަ ބުރުގައި ވާދަކުރާނީ އިންގްލޭންޑާ އެވެ.