ޔޫރޯ 2016

ސްޕޭން، ޖަރުމަނު، އިންގްލޭންޑް އިޓަލީ އާއި ފްރާންސް އެއްފަޅީގައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ވާދަކުރާ 16 ގައުމު ރޭ ކަށަވަރުވިއިރު މަޝްހޫރު އަދި ވަރުގަދަ ބައެއް ގައުމުތައް އެއްފަޅިއަކަށް ހިނގައްޖެ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕޭނާއި ކުރީގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި މުބާރާތް ބާއްވާ ގައުމު ފްރާންސްގެ އިތުރުން މަޝްހޫރު އިންގްލޭންޑް ލައްވާލީ އެއް ފަޅިއެއްގަ އެވެ. މިހެންވެ މީގެ ތެރެއިން ފައިނަލަށް ދެވޭނީ ކޮންމެވެސް އެއް ގައުމަކަށެވެ.

ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ކްރޮއޭޝިޔާ އާއި ޕޯޗުގަލް އަދި ބެލްޖިއަމާއި ވޭލްސް ހިމެނޭ ފަޅީގެ ޓީމަކަށެވެ. މި ފަޅީގައި ދެން ހިމެނެނީ ޕޮލެންޑާއި ހަންގޭރީ އަދި ނޮދަން އަޔަލޭންޑާއި ސްވިޒަލޭންޑެވެ.

މީގެ ތެރެއިން ދެ ވަނަ ބުރުގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނީ ޕޯޗުގަލް އާއި ކްރޮއޭޝިޔާ ކުޅޭ މެޗަށެވެ. ވޭލްސް ވާދަކުރާނީ ނޮދަން އަޔަލޭންޑާ އެވެ. ބެލްޖިއަމް ކުޅޭނީ ހަންގޭރީއާ ދެކޮޅަށެވެ. ސްވިޒަލޭންޑާއި ވާދަކުރާނީ ޕޮލެންޑެވެ.

ދެ ވަނަ ބުރުގައި ފްރާންސް ވަދަކުރަން ޖެހެނީ އަޔަލޭންޑާ އެވެ. ސްޕޭން ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. މިއީ ދެ ވަނަ ބުރުގައި އެންމެ ފޯރިގަދަވާނެ މެޗެކެވެ. ޖަރުމަނު ކުޅެން ޖެހިފައިވަނީ ސްލޮވާކިޔާއާ އެވެ. އަދި އިންގްލޭންޑް ވާދަކުރާނީ މުބާރާތުގައި ވާދަކުރާ އެންމެ ކުޑަގައުމު އަދި އެންމެ ހިތްވަރުގަދަ އެއް ގައުމު ކަމަށްވާ އައިސްލޭންޑާ އެވެ.