ބޭރު ކުޅިވަރު

ކީޕަރަށް ޝުކުރު އަދާކުރަން ހަންގޭރީގެ އެންމެން ޕިޖާމާގައި ވަޒީފާ އަށް

އުމުރުން 40 އަހަރުގެ ކީޕަރު ގަބޯ ކިރާއީ ގޯލުގައި ހުރެ، ހަންގޭރީ ޔޫރޯ ފުޓްބޯޅަ މުބާރާޓުގެ ދެ ވަނަ ބުރަށް ދިއުމުން އޭނާ އަށް ޝުކުރު އަދާކުރުމަށް ހަންގޭރީގެ އެންމެ މިއަދު ޕިޖާމާ ހަރުވާޅުގައި ވަޒީފާ އަށް ނުކުމެއްޖެ އެވެ.

ކިރާއީ ގޯލް ބެލެހެއްޓުމަށް ނުކުންނައިރު ބޭނުންކުރަނީ ޖާޒީއާއެކު ޕިޖާމާ ހަރުވާޅެކެވެ. ޕްރެކްޓިސް ތަކުގަ އާއި ހޮޓަލުގައި އޭނާ ހުންނަނީ ޕިޖާމާ ހަރުވާޅަކާއެކު ބާސްކެޓް ޖާޒީ އެއް ލައިގެންނެވެ.
މިފަހަރުގެ ޔޫރޯގައި ގޯލް ބެލެހެއްޓުމުން އޭނާ ވެފައިވަނީ ޔޫރޯގައި މިހާތަނަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

ހަންގޭރީގެ ނޫސްތަކުން ބުނަނީ ކިރާއީގެ ޝަރަފުގައި އެންމެން ވަޒީފާތަކަށް ޕިޖާމާގައި ދިޔައީ އޭނާ އަށް ޝުކުރި އަދާކޮށް، އިހްތިރާމްކުރުމުގެ ގޮތުން ކަމަށެވެ. އަދި ގައުމަށް މިފަހަރުގެ ޔޫރޯގައި ލިބުނު ކާމިޔާބީ ފާހަގަ ކުރަން އެންމެން ވެސް ތިބީ އުފަލުން ކަމަށެވެ.

އޭނާ ބުނެފައިވަނީ ކިރާއީގެ ސަބަބުން ޕިޖާމާ ހަރުވާޅު މިހާރު އެގައުމުގައި ފެޝަނަކަށްވެފައިވާ ކަމަށެވެ. އަދި މީގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ.

ކީޕަރު ގިރާއީ ފުޓްބޯޅަ ކުޅޭތާ މިއީ 22 ވަނަ އަހަރެވެ. ހަންގޭރީ ލީގުގައި މިހާރު ކުޅެމުން އަންނައިރު އޭނާ ވަނީ އިނގިރޭސި ލީގުގެ އެސްޓަންވިލާ އާއި ފުލަމް އަށް ވެސް ކުޅެފަ އެވެ.
ގައުމީ ޓީމަށް 107 މެޗު މިހާތަނަށް ކުޅެދީފައިވާ ކީޕަރު މަޝްހޫރުވެފައިވަނީ ޕިޖާމާ ކީޕަރުގެ ގޮތުގަ އެވެ.

"އަހަރެން ކުރިން ލަނީ ކަޅުކުލަ. އެކަމަކު އަހަރުމެން މެޗު ކުޅެން ބަލާއިރު ކިޓް މެނޭޖަރު ހުންނަނީ އަންނައުނުތައް ނުދޮވެ. އެހެންވެ ފަހުން އަހަރެން ލާން ފެށީ ގްރޭކުލަ. މިއާއެކު ނަސީބު ވެސް އެހީތެރިވި،" ކީޕަރު ބުންޏެވެ.

އޭނާ ބުނީ 40 އަހަރުގައި ވެސް ގައުމީ ޓީމަށް ކުޅެން ވޭނުންވާ ކަމަށާއި މިފަހަރު ފުރުސަތު ވެސް ލިބުނީ ނަސީބު ވެސް ރަނގަޅުވުމުން ކަމަށެވެ.