ހަބަރު

ފިނިފެންމާ މައްސަލާގައި އަދީބަށްކުރި ހުކުމް އިސްތިއުނާފުކޮށްފި

ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް އިއްވި 15 އަހަރު ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި އެވެ. މި މައްސަލަ ހައިކޯޓަށް ވައްދާފައިވަނީ މިއަދު އެވެ.

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، ލޯންޗުކޮޅު މައްސަލާގައި އަދީބުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކޮށްފައިވާ ކަމަށާއި މި މައްސަލާގައި އަދީބަށް ކުރި ހުކުމުގެ އިތުރުން އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރާއި އަހްމަދު ރިކާޒްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް ވެސް މިއަދު ވަނީ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. -- ބޮޑީ ގާޑުން އިއްވީ 10 އަހަރު ދުވަހުގެ ހުކުމެކެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރީ ޓެރަޒިޒަމް ގާނޫނުގެ ދެ ވަނަ މާއްދާގެ އަކުރު (ހ) އާއި (ރ) އާއި (ބ) އާއި (ކ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ އަކުރު (ށ) ގެ ދަށުންނެވެ. ފަނަރަ އަހަރުގެ ޖަލު ހުކުމެއް އަދީބަށް އިއްވީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލާގައި އަދީބު އެދިގެން ލޯންޗެއްގައި ގޮއްވާލުމަށް ދެ އައިއީޑީ އެއް ތައްޔާރުކޮށްދިން ކަމަށް ބުނެ އެތަކެތި ހެދި ސިފައިންގެ މީހާ ޝަރީއަތުގެ މަޖިލީހުގައި ވަނީ ހެކި ބަސް ދީފަ އެވެ.

އަދީބުގެ ދެ ބޮޑީގާޑުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ރިޔާސީ ލޯންޗުކޮޅުގައި އަދީބުއާއެކު އާރަށަށް ގޮސް، އެ ލޯންޗުކޮޅުގައި އައިއީޑީއެއް ހަރުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ.