ރާއްޖެ ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ނާއިލް

ޕޮލެންޑްގައި އަންނަ މަހު ފަށާ 20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާނީ ބޮޓްސަވާނާގައި މިހާރު ތަމްރީނު ހަދަމުން އަންނަ ދުވުންތެރިޔާ މުހައްމަދު ނާއިލް ކަމުގައި ހަމަޖައްސައިފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ ޖުލައި 19 އިން 24 އަށް ޕޮލެންޑްގެ ބިޑްގޮޝްޓްގައި ބާއްވާ މުބާރާތުގައި ނާއިލް ވާދަކުރާނީ 400 މީޓަރު ދުވުމުގައި ކަމަށެވެ.

ސަރަހައްދީ މުބާރާތްތަކުގައި ނާއިލް ދުވަން ފެށީ މި އަހަރު އެވެ. އޭނާގެ ފުރަތަމަ މުބާރާތަކީ ސައުތު އޭޝިއަމް ގޭމްސް އެވެ. މި ގޭމްސްގެ 400 މީޓަރުގައި ދުވެ އޭނާ ރޭސްނިންމީ 50.58ސިކުންތުންނެވެ.

މީގެ އިތުރުން މިދިޔަ މަހު ބޮޓްސްވާނާ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް 400 މީޓަރުގެ ޖޫނިއާ ގައުމީ ރެކޯޑް އޭނާ ވަނީ ހާސިލްކޮށްފަ އެވެ. އެއީ 48.53ސިކުންތުން ރޭސްނިންމައިގެންނެވެ.