ރޯދަ މަހާ ރޯއްޖާ

އިހަވަންދޫ ކައުންސިލުން ކޮންމެ ގެއަކަށް 500 ރުފިޔާ!

ރޯދަ ހަދިޔާއެއްގެ ގޮތުން ހއ. އިހަވަންދޫގެ ކޮންމެ ގެއަކަށް 500ރ. ހަދިޔާ ކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. މި 500ރ. ދެނީ ކައުންސިލުން ދޭ ކަރަންޓު ސަބްސިޑީއެއްގެ ގޮތުގަ އެވެ.

އިހަވަންދޫ ކައުންސިލްގެ މެންބަރު މުހައްމަދު ހަސަން މިއަދު ވިދާޅުވީ، ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 500ރ. ކަރަންޓް ސަބްސިޑީއެއް ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި އެއީ ޖުމްލަ ދެލައްކަ ފަންސާސް ހާސް ރުފިޔާ ކަމަށެވެ. އިހަވަންދޫގެ އާބާދީއަކީ 3300 މީހުންނެވެ. މީހުން ދިރިއުޅޭ 400 އެއްހާ ގެ ހުރެ އެވެ.

މި ފައިސާ ގޭގެއަށް ގޮސް ރައްޔިތުންގެ އަތަށް ދިނުމުގެ ބަދަލުގައި ހަވާލުކުރުމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. މި މަހުގެ ކަރަންޓު ބިލު ދައްކަން ދިޔުމުން ކޮންމެ ގެއެއްގެ ކަރަންޓް ބިލުން 500ރ. ކެނޑޭނެ އެވެ. ފަސް ސަތޭކަ ރުފިޔާ ނާރާ ކަރަންޓު ބިލުތަކަށް އެ ފައިސާއިން ބާކީވާބާ އަންނަ މަހުގެ ކަރަންޓު ބިލުން ކެނޑޭނެ އެވެ.

"މިސާލަކަށް 1500 އަރާ ކަރަންޓު ބިލުތަކުން 500 ރުފިޔާ ކެނޑިގެންދާނެ، 200 ނޫނީ 150 ރުފިޔާ ކަރަންޓު ބިލުތަކަށް އަރާ ގޭގެއަށް އެއްކޮށް މި މަހުގެ ބިލު ހިލޭ ވާނެ، އަދި ސަބްސިޑީގެ ގޮތުގައި ލިބޭ 500 ރުފިޔާގެ ބާކީ ބައިން އަންނަ މަހުގެ ކަރަންޓު ބިލުން ވެސް ކެނޑޭނެ،" މުހައްމަދު ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް ރަށްރަށުގެ ކައުންސިލުތަކުން ދަނީ ރައްޔިތުންނަށް އެކި ކަހަލަ ހަދިޔާތައް ދެމުންނެވެ. އެންމެ ގިނައިން ކައުންސިލުންތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ކަރަންޓު ބިލު ދައްކައިދިނުމަށް ވަނީ ނިންމާފަ އެވެ.