ހުސައިން ހުމާމް

ހުމާމުގެ ޝަރީއަތުގެ މަޖިލިސް މިރޭ، ފަހަރެއްގައި ހުކުމް!

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހުސެއިން ހުމާމު ޝަރީއަތުގެ މަޖިލީހެއް މިރޭ ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މިރޭ 10:00 އަށެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށް ސާބިތުވެ ހުމާމަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށް ހުމާމް މަރަން ހުކުމް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ދައުލަތުންނެވެ. ދައުލަތުން އެދިފައިވަނީ ހުމާމުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މި މައްސަލާގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފަ އެވެ.

އިއްޔެ ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ނަމަވެސް މައްސަލާގެ ގޮތެއް ނިންމާނެ ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ. މިރޭ ބާއްވާ މަޖިލީހަކީ ހުމާމަށް ހުކުމް އިއްވުމަށް ކަމެއް ނުވަތަ އިތުރު ކަމެއް ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމެއް ސާފެއް ނުވެ އެވެ.