ހުސައިން ހުމާމް

ތަހުގީގު ފުރިހަމަ ނުވާތީ ހުމާމް މަރަން އަފްރާޝީމްގެ ވާރިސުން ބޭނުމެއްނުވި

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެފައިވާ ހުސައިން ހުމާމްގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ފަހު މަރުހަލާގެ އަޑު އެހުން ސުޕްރީމް ކޯޓްގައި ވެސް ނިމި މިރެއަށް އެންމެ ފަހުގެ މަޖިިލިސް ތާވަލްކޮށްފައި ވަނިކޮށް ހުމާމްގެ މައްޗަށް އަދި މަރު ހިފަން ބޭނުން ނުވާ ކަމަށް އަފްރާޝީމްގެ ވާރިސުންގެ ފަރާތުން ބުނެފި އެވެ. އެ ގޮތަށް ބުނީ ސުޕްރީމް ކޯޓަށް ވާރިސުންގެ ފަރާތުން ފޮނުވި ސިޓީއެއްމެދުވެރިކޮށެވެ.

ގާނޫނުގައި އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތުން ވާރިސުން ދެކޮޅު ހަދައިފިނަމަ މީހަކަށް މަރުގެ އަދަބު ނުވަތަ ގިސޯސެއް ނުހިފޭނެ އެވެ.

ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނަނީ ހުމާމުގެ މައްޗަށް ގިސޯސް ހިފަން އަދި ބޭނުނުވަނީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގެ ތަހުގީގު އެއްކޮށް ނިމިފައިނުވާތީ އެވެ.

އެ ސިޓީގައި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބާލާއިރު އެކަން ކުރުމަށް ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކޮށްފައިވާ ކަމަށާއި އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި އެފަދަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އެ ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުމާމުގެ މައްޗަށް ގިސާސް ހިފަން ބޭނުމެއް ނުވަނީ ކަމަށް ބުނެފައި ވެއެވެ.

މި ސިޓީ ފޮނުވާފައި ވަނީ އަފްރާޝީމްގެ ބޭބެ އެވެ. މި ސިޓީ ފޮނުވި އިރު ކްރިމިނަލް ކޯޓުގައި ހުމާމުގެ ޝަރީއަތް ކުރިއަށް ދިޔައިރު ވާރިސުން ބުނެފައިވަނީ ހުމާމުގެ ފަރާތުން ބޭނުންވަނީ މަރަން މަރު ހިފުމަށް ބޭނުންވާ ކަމަށެވެ. އަދި މި ސިޓީ ފޮނުވި ނަމަވެސް ސިޓީ ފޮނުވާފައި ވަނީ ބަންދު ގަޑިއެއްގައި ކަމަށްވާތީ ސުޕްރީމް ކޯޓުން ސިޓީ ބަލައި ގެންފައި ނުވާ ކަމަށް ވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ހުމާމުގެ ވަކީލް އަބްދުﷲ ހަސީން ވެސް ވަނީ މައްސަލާގެ ތަހުގީގު އެއްކޮށް ނިމިފައިނުވާ ކަމަށާއި މައްސަލާގެ ތަހުގީގު އެއްކޮށް ނުނިމެނީސް ހުމާމު މަރައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނެފައިވަނީ، ހުމާމުގެ ތަހުގީގު އެއްކޮށް ނިމިފައިވާ ކަމަށެވެ. ހުމާމުގެ މައްޗަށް ދައުވާ ވެސް ކުރީ އެ ބައިގެ ތަހުގީގު ނިމުމުން ކަމަށެވެ. އެހެންނަމަވެސް އަފްރާޝީމް މައްސަލާގެ ތަހުގީގު އެއްކޮށް ނުނިމޭ ކަމަށް ދައުލަތުން ވެސް ވަނީ ބުނެފަ އެވެ.

އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށް ސާބިތުވެ ހުމާމު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖަނަވަރީ 16، 2014 އިގައެވެ.