ހުސައިން ހުމާމް

ސުޕްރީމް ކޯޓުން ވެސް ނިންމީ ހުމާމް މަރަން

  • ފަސް ފަނޑިޔާރުން އިއްތިފާގުވި
  • އަފްރާޝީމް މަރާލިކަމަށް ހުމާމް އިއުތިރާފުވި
  • 30 ދުވަހުގެ ތެރޭގައި މަރު ތަންފީޒުކުރާނެ ވަނީ ބުނެފަ

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ، މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމު މަރަން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ވެސް އެ ހުކުމް ދަމަހައްޓައިފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައި މީހަކު މަރަން ސުޕްރީމް ކޯޓުން ހުކުމް ކުރި ފުރަތަމަ ފަހަރެވެ.

މިގޮތަށް ސުޕްރީމް ކޯޓުން ނިންމީ ހުމާމަށް ދަށު ކޯޓުން އިއްވާފައިވާ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހެޅި މައްސަލާގައި ހުކުމުގަ އެވެ. މިރޭ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ހުމާމު މަރަން ހުކުމްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި ހުކުމް މި ގޮތަށް އާއިރު އަފްރާޝީމްގެ ވާރިސުން ހުމާމުގެ މައްޗަށް މަރުގެ އަދަބު ދޭން އަދި ބޭނުން ނުވާ ކަަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ވާރިސުންގެ ބަސް ހިމެނޭ ސިޓީތައް ބަންދު ގަޑިއެއްގައި ގެންދިއުމުން ބަަލައިގެންފައެއް ނުވެ އެވެ. ވާރިސުންގެ ސިޓީގައި ބުނެފައި ވަނީ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބާލާއިރު އެކަން ކުރުމަށް ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކޮށްފައިވާ ކަމަށެވެ. އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި އެފަދަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އެ ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުމާމުގެ މައްޗަށް ގިސާސް ހިފަން ބޭނުމެއް ނުވަނީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ މަރުހަލާއަކީ މަރުގެ ހުކުމުން ސަލާމަތްވުމަށް ހުމާމަށް ލިބުނު ފަހު ފުރުސަތެވެ. މި ފުރުސަތުގައި ހުމާމު ވަނީ ދިފާއުވުމަށް ގިނަ ނުކުތާތަކެއް ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑު ދިފާއުއަކަށް ހުމާމު ނެގީ އޭނާގެ ނަފްސާނީ މައްސަލަ އެވެ. ހުމާމުގެ ވަކީލް އަބްދުﷲ ހަސީން ވަނީ އޭނާ އަފްރާޝީމް މަރާލިކަމަށް އެއްބަސްވެފައިވަނީ ވެސް ފުލުހުން އޭނާއަށް ބިރު ދެއްކުމުން ކަމަށެވެ.

މިކަމަށް ދައުލަތުން ވަނީ ރައްދު ދެއްވާފަ އެވެ. ދައުލަތުން ބުނީ، ހުމާމުގެ ނަފްސާނީ މައްސަލައެއް ހުރިކަން ސާބިތުކޮށްނުދެވޭ ކަމަށެވެ. އަދި އޭނާއަށް ބިރު ދައްކާފައިވާ ކަމުގެ ސަބަބުތަކެއް ވެސް ދެއްކިފައިނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އަޑުއެހުންތައް ނިންމާލުމުގެ ކުރިން ހުމާމަށް އެއްޗެއް ބުނުމުގެ ފުރުސަތު އިއްޔެ ޝަރީއަތުން ވަނީ ދީފަ އެވެ. ހުމާމު ޝަރީއަތުގެ މަޖިލީހުގައި ދެ ކަމެއް ފާހަގަކުރި އެވެ. ހުމާމު ބުނީ އޭނާއަށް ހަދީސްތަކުން އެނގިފައިވާ ގޮތުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާނީ އެކަމެއް އެމީހަކު ކުރާތަން ދެ މީހެއްްގެ ލޮލަށް ފެނިގެން ހެކި ބަސް ދިނުމުން ކަމަށެވެ. އެ ނޫނީ ކުށް ސާބިތުވާނީ ހަތިމުގައި އަތްލައި އެކަމަށް ހުވާކުރުން ކަމަށެވެ.

އޭގެއިތުރަށް ހުމާމު ބުނީ، "ޝަރީއަތެއް ނެތް ތަނެއްގައި ކުރާ ހުކުމަކުން އެކަމުގައި ބައިވެރިވާ އެންމެންނަށް ޖަޒާ ލިބޭނެ" ކަމަށެވެ.

މި މައްސަލާގައި މިރޭ ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވަނީ ކުރިމިނަލް ކޯޓުން ހުމާމު މަރަން ކުރި ހުކުމާއި އެ ހުކުމަށް ހައިކޯޓުން ތާއިދުކޮށް އިއްވި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.

މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ހުމާމުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުނުކުރުމުން ހުމާމު، ހައިކޯޓުން ކުރި ހުކުމް ބަލައިގަނެފައިވާ ކަމަށް ދަލީލުކުރެވޭ ކަމަށް ވިދާޅުވެ ނުކުތާއެއް ފާހަގަކުރައްވާފަ އެވެ. އޭގެއިތުރަށް ގާޒީއެއް ކުރިމަތީގައި އެއްވެސް މަޖުބޫރުކުރުމެއް ނެތި ވެވޭ އިއުތިރާފުން ރުޖޫއަނުވެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ކުރިމިނަަލް ކޯޓުގައި ހުމާމުވީ އިއުތިރާފަކީ ރަނގަޅު ނޫން އިއުތިރާފެއް ކަމަށް ބެލެވެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމަށް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި އަފްރާޝީމްގެ މަރުގައި ގަތުލު އަމްދުގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަފްރާޝީމްގެ ވާރިސުން ބޭނުންވަނީ ހުމާމު މަރަންކަން ކުރިމިނަލް ކޯޓުގެ ހުކުމުން އެނގެން އޮންނަ ކަމަށާއި، ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބި ނަމަވެސް އެ ކުދިންގެ ބަސް ނަގަން ނުޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވީ، ބައެއް މަޒުހަބުތަކުގައި ކަންތައް ކުރާ ގޮތަކީ އެއީ ކަމަށްވާތީ އެވެ.

މައްސަލައިގެ މާޒީގެ ރޮނގު މަތިން

  • 10 ޖެނުއަރީ 2013: އަފްރާޝީމް އަވަހާރަކޮށްލިކަމުގެ ދައުވާ ހުމާމަށް ކުރި
  • 20 ޖެނުއަރީ 2013: ހުމާމް ދައުވާއަށް އިންކާރުކުރި
  • 22 މެއި 2013: އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވި
  • 22 މެއި 2013: ވަކީލަކު ބޭނުންނުވާ ކަަމަށް ބުނި
  • ފަހުން ހުމާމުގެ ވަކީލަކު އައްޔަން ކުރި
  • އަނެއްކާވެސް ދައުވާއަށް އިންކާރު ކުރި
  • 21 ނޮވެމްބަރު 2013: ހެކިބަސް ނަގައި ފަހު އަޑުއެހުން ބޭއްވި
  • 16 ޖެނުއަރީ 2014: ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި
  • 21 އޮކްޓޫބަރު 2014: ހައިކޯޓުގައި އިސްތިއުނާފު ފެށި
  • ހައިކޯޓުގައި އަފްރާޝީމް އަވަހާރަކޮށް ނުލާ ކަމަށް ބުނި
  • 7 ސެޕްޓެމްބަރު 2015: ހުމާމް މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި
  • ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ފޮނުވި
  • 22 ޖޫން 2016: އަޑުއެހުންތައް ނިންމާލި

މި މައްސަލަ ސުޕްރީމް ކޯޓުން ނިންމި އިރު ސުޕްރީމް ކޯޓުން މަރުގެ މައްސަލައެއްގައި ނިހާއީ ހުކުމެއް ކަމަށް ބަލައި މަރަށް މަރުހިފަން ނިންމައިފި ނަމަ އެ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަރުގެ އަދަބު ދޭނީ ދަންޖައްސައިގެން ކަމަށާއި އެކަމަށް ގަވާއިދެއް އެކުލަވާލާފައިވާއިރު ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދަމަހައްޓާތާ މަސް ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށެވެ. އެހެން ވިދާޅުވި ނަމަވެސް ނަމަވެސް އެ ގަވާއިދު އަދި ގެޒެޓެއް ނުކުރެއެވެ.

އަނިޔާވެރި ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް ހަމަލާ ދީގެނެވެ.