ގދ. ތިނަދޫ

ތިނަދޫ ބިން ހިއްކާ ނިންމާލައިފި

ގދ. ތިނަދޫން ހިއްކަން ހަމަޖެހިފައިވާ 55 ހެކްޓަރުގެ ބިން ހިއްކާ ނިންމައިލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަސައްކަތް މިއަދު ނިންމާފައިވާ ކަމަށެވެ.

ތިނަދޫގެ ބިން ހިއްކާ ނިންމާލި އިރު 1852 މީޓަރުގެ ރިވެޓްމެންޓެއްވެސް ވަނީ ޖަހާފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ވެން އޫޑް ޑްރެޖިން އެންޑް މެރިންކޮންޓްރެކްޓާ އެވެ.

ތިނަދޫއަކީ މީގެ ކުރިންވެސް ވަރަށް ބޮޑަށް ހިއްކައިގެން ބޮޑުކޮށްފައިވާ ރަށެކެވެ. މިފަހަރު ކުރިއަށްގެންދާ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ދެކުނު ފަރާތުން ހަތަރު ހެކްޓަރު އަދި އުތުރު ފަރާތުން 51 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މިއީ ދައުލަތުގެ ބަޖެޓުން 765 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

ތިނަދޫގައި އަލަށް މި ހިއްކި ބިމުގައި އާންމުންނަށް ގޯތި ދޫކުރުމުގެ އިތުރުން ސްކޫލް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މިއީ ތިނަދޫ ސިޓީއަކަށް ބަދަލު ކުރަން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއްވެސް މެއެވެ.