ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް އަމަލުތަށް ހިންގާ ފަރާތްތަކަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެއްވެސް އިސްތިސްނާއެއް ނެތި އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ ރާއްޖޭގެ ކޯޓްތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހާ އެންމެން ވެސް އަމަލުތަކާއި ބަސް މަގު ބެހެއްޓުމަށާއި ގާނޫނު އަސާސީއާ ހިލާފަށް ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެންމެހާ އަމަލުތަކުން އެއްކިބާވެ ތިބުމަށް ތަކުރާރުކޮށް އަންގާ ކަމަށެވެ.
އަދި ބުނެފައި ވަނީ ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑީއާގެ ވަސީލަތްތަކުގައި ޝާއިއު ކުރުމަކީ މަނާ ކަމަކަށްވާތީ ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތް ކޮށް އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށެވެ.
އެކަންކަން ތަކުރާރުކޮށް އެފަދަ އަމަލު ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެ ކަން އަންގާ ކަމަށެވެ.
ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވެފައިވާ ގޮތަށް ރާއްޖޭގައި އިންސާފު ގާއިމް ކުރުމަކީ ދިވެހި ރާއްޖޭގެ ކޯޓްތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށާއި އެކަމުގައި ހިއްސާ ކުރާ އެހެން ފަރާތެއް ނެތްކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާއިން އެނގޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އަދި ބުނެފައި ވަނީ ކަން އެހެން އެގެން އޮއްވާ ފަރުދަކުވިޔަސް ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ އަކުރު (ނ) ގައި ސާފު ބަހުން ބުނެފައިވާތީ ކޯޓެއްގެ ނިންމުމަކަށް އަމަލު ކުރުން ފަސް ކުރުމަށް ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރެވޭ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި މުއައްސަސާތަކުންނާއި މަގާމުތަކާ ހަވާލުވެތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތަކުންނާއި އެންމެހާ ރައްޔިތުން އެއަށް ތަބާވުން ލާޒިމް ނިންމުމެއްކަން ކޯޓްތަކާބެހޭ ގާނޫނުގެ 77 ވަނަ މާއްދާގައި ސާފު ބަހުން ބުނެފައިވަ ކަމަށެވެ.
ސުޕްރީމް ކޯޓުން މިފަދަ ބަޔާނެއް ނެރުނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކޮށް ސާބިތުވެފައިވާ ހުސައިން ހުމާމްގެ މައްޗަށް އިއްވި ހުކުމާމެދު ޝަރުއީ މަރުހަލާގެ އެންމެ ފަހު ނިންމުން ނިންމުމަށް މަޖިލީހެއް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލައިގެ ތަހުގީގު އަދި މުޅިން ނުނިމޭތީ ހުމާމުގެ މައްޗަށް ގިސޯސް ހިފަ އަދި ބޭނުން ނުވާ ކަމަށް ބުނެ ވާރިސުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން އެކި ފަރާތްތަކުން ބަޔާންދީ ނޫސްތަކުގައި އެކަމާ ގުޅިގެން ތަފާތު ރިޕޯޓްތައް ވެސް އާންމު ކޮށްފައި ވަނިކޮށެވެ.
އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތާ ގުޅޭ ގޮތުން ކުރީގެ އުއްތަމް ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވެސް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.