ބޭރު ކުޅިވަރު

އަލްބޭނިއާ ކުޅުންތެރިންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެއްކި ރަނގަޅު ކުޅުމުގެ ސަބަބުން އަލްބޭނިއާ ކުޅުންތެރިންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓްދޭން ނިންމައިފި އެވެ.

ފްރާންސާއި ރޫމޭނިޔާ އަދި ސްވިޒަލޭންޑް ހިމެނުނު ގްރޫޕް އޭގައި ވާދަކޮށް އަލްބޭނިޔާ ދިޔައީ ތިން ވަަނަ އަށެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ރޫމޭނިޔާ ބަލިކޮށް އަނެއް ދެ މެޗުންވީ ބައްޔެވެ. މުބާރާޓުގެ ގްރޫޕް ސްޓޭޖަށް އެ ގައުމު ނުދިޔައީ ތިން ވަނަ އަށްދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރުޓީމުގެ ތެރޭގައި ނުހިމެނުމުންނެވެ.

ނަމަވެސް މިއީ ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް އަލްބޭނިޔާ ވާދަކުރި ފަހަރު ކަމުން އެ ގައުމު ދެއްކި ކުޅުމަށް އެގައުމުން ވަނީ އިނާމްދޭން ނިންމައިފަ އެވެ. މި ގޮތުން ކޮންމެ ކުޅުންތެރިއަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް އަދި މުޅި ޓީމަށް ބޯނަސްގެ ގޮތުގައި އެއްމިލިއަން ޔޫރޯ ދޭން ވަނީ ނިންމާފަ އެވެ.

އަލްބޭނިޔާ ޓީމު އެނބުރި ގައުމަށް ދިއުމުން އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. ޓީމަށް މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު އެދީރާމާ އެވެ. އެއާޕޯޓުން ޓީމުގެ ކުޅުންތެރިން ބޮޑު ބަހެއްގައި ގެންދިޔައީ ރަސްމީ ސްޓޭޑިއަމަށެވެ.

ބޮޑުވަޒީރު ރާމާ ވިދާޅުވީ މިފަހަރުގެ ޔޫރޯގައި ކުޅުނު ކުޅުންތެރިންގެ ނަންތައް އެގައުމުގެ ރަސްމީ ސްޓޭޑިއަމުގައި އަބަދުވެސް ފެންނަގޮތަށް ބަހައްޓާނެ ކަމަށެވެ.