ވިޔަފާރި

ރާއްޖޭގައި ދެ ރިސޯޓް ހަދަން ލަންކާގެ ކުންފުންޏަކުން ބޮޑު އިންވެސްޓެއް ކުރަނީ

Jun 24, 2016

ލަންކާގެ ބޮޑު ހޮޓަލް ކުންފުންޏެއް ކަމަށްވާ، ސިލޯން ހޮޓަލްސް ކޯޕަރޭޝަން (ސީއެޗްސީ) އިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.

ކޮލަމްބޯގައި ހުންނަ ގާލާ ފޭސް ހޮޓަލް ވެސް ހިންގާ ސީއެޗްސީގެ ޗެއާމަން، ސަންޖީވް ގާދިނާއާ ހަވާލާދީ، ލަންކާގެ ޑެއިލީ ނިއުސް އިން ބުނީ، އެ ކުންފުނިން ރާއްޖޭގައި ހަދާ 50 ކޮޓަރީގެ ރިސޯޓެއް ހަދަނީ ވ. އަތޮޅު އަމްބަރާގައި ކަމަށެވެ. އެ ރިސޯޓް ހެދުމަށް ފަސް ބިލިއަން ރުޕީސް، 34 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް އިންވެސްޓް ކުރާ ކަމަށް ސަންޖީވް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2017 ވަނަ އަހަރު އެ ރިސޯޓް ހުޅުވުމަށް ފަހު ވެސް ދެވަނަ ފިޔަވައްސެއްގެ ދަށުން އިތުރު 50 ކޮޓަރި އެ ރިސޯޓްގައި ހަދާނެ ކަމަށެވެ. ސަންޖީވް ވިދާޅުވި ގޮތުގައި އެ ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.

މީގެ އިތުރަށް މާލެއާ ދުރު ސަރަހައްދަކުން އިތުރު ރަށެއް އެ ކުންފުނިން ކުއްޔަށް ހިފާފައިވާ އިރު، އެ ރަށުގައި ވެސް 40 ކޮޓަރީގެ ރިސޯޓެއް ހެދުމަށް ނިންމާފައިވާ ކަން ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ އެ ކުންފުނިން އިންވެސްޓް ކުރަން ނިންމި ސަބަބެއް ކަމަށް، އޭނާ ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމަށް ރަނގަޅު މާކެޓެއް އޮތް ގައުމަކަށް ވުމެވެ. އަދި ލަންކާގައި ހަދާ ހޮޓާތަކަކާ އެކު ރާއްޖެ ކަހަލަ މަގުބޫލު މަންޒިލެއްގައި ހޮޓާތަކެއް ހިންގުމުގެ ސަބަބުން އޭގެން ހޯދޭނެ ވިޔަފާރީގެ ފައިދާ ބޮޑުވާނެ ކަމަށް ވެސް ސަންޖީވް ވިދާޅުވި އެވެ.

އެ ކުންފުނީގެ ވިޔަފާރިތައް މި އަހަރުގެ ފަހުކޮޅު ރިބްރޭންޑް ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި އެ ކުންފުނީގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ގޮތުން އެ ކުންފުނިން އަމިއްލަ އަށް ހިންގަމުން އައި ހޮޓާތައް އެކި ކުންފުނިތަކާ އެކު ޕާޓްނާވެގެން ހިންގަން ދާދިފަހުން ވަނީ ފަށައިފަ އެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލު އެކި ސަރަހައްދުތަކުގައި އެ ކުންފުނިން އަންނަނީ ރިސޯޓްތަކާއި ހޮޓާތައް ހިންގަމުންނެެވެ.