ދުނިޔެ

ޔޫކޭ އީޔޫއިން ވަކިވުން: ނަތިޖާއަކީ ކޮބާ؟

ޔޫރަޕް އިއްތިހާދުން ވަކިވުމަށް، އެ އިއްތިހާދުގެ އެންމެ ނުފޫޒު ގަދަ ގައުމު އިނގިރޭސި ވިލާތުގެ ރައްޔިތުން މިހާރު އެވަނީ ނިންމާފަ އެވެ. މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަކީ މިދިޔަ 24 އަހަރު ތެރޭ އިނގިރޭސިން އެފަދަ ވޯޓެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ވޯޓެވެ.

ޔޫރަޕްގެ އިއްތިހާދަކީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، ޔޫރަޕްގެ ގައުމުތައް އެއް ބަޔަކު އަނެއް ގައުމަށް ހަނގުރާމަ ނުކުރުމަށާއި އިގްތިސޯދީ މަންފާ ހިއްސާ ކުރުމުގައި އެއް ގައުމު އަނެއް ގައުމަށް އިސްކަން ދިނުމުގެ ގޮތުން އުފެއްދި ބައިނަލްއަގުވާމީ ޖަމާއަތެކެވެ.

އީޔޫގެ ހިމެނޭ 28 ގައުމުގެ ތެރެއިން 19 ގައުމުން އެ ގައުމުތަކުގެ ފައިސާގެ ގޮތުގައި ބޭނުން ކުރަނީ 1999 ވަނަ އަހަރު ތާރަފު ކުރި ޔޫރޯ އެވެ. އަނެއް ހަތް ގައުމުން ރަސްމީކޮށް ޔޫރޯ ބޭނުން ނުކުރި ނަމަވެސް އެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ވެސް ޔޫރޯގެ މުއާމަލާތްތައް ކުރެއެވެ. މީގެ އިތުރުން އީޔޫގެ ކޮންމެ މެންބަރު ގައުމެއްގެ ކޮންމެ ރައްޔިތަކަށް އީޔޫގެ ވަކި ޕާސްޕޯޓެއް ވެސް އޮވެއެވެ. މާނައަކީ ވިސާ ނުލައިވެސް އީޔޫގެ ގައުމުތަކަށް ދަތުރުކުރުމާއި އެތެރެވުމުގެ އިހްތިޔާރު ކޮންމެ މެންބަރު ގައުމެއްގެ ރައްޔިތަކަށް ވެސް ލިބިގެން ވެއެވެ.

އަދި ޔޫރަޕިއަން ޔޫނިއަންއަކީ، ޔޫރަޕިއަން ޕާލަމެންޓް ގެ ނަމުގައި އެ ގައުމުތައް ހިއްސާވާ ވަކި ރައްޔިތުންގެ މަޖިލީހެއްވެސް އޮންނަ ޖަމާއަތެކެވެ.

އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ފާސްވީ 52 ޕަސަންޓް މީހުން ވޯޓް ދިނުމުންނެވެ. ނަމަވެސް އިނގިރޭސި ރައްތިރުން އެގޮތަށް ނިންމި ކަމުގައި ވިޔަސް، ސީދާ އީޔޫއިން ވަކިވެވޭކަށް އަދި އިނިގިރޭސިންނަކަށް ނޯންނާނެ އެވެ. ސަބަބަކީ ގައުމުން ވެސް ފުރިހަމަވާންޖެހޭ ކަންކަން ހުރުމުންނެވެ. މީގެ އިތުރުން އިނގިރޭސި ވިލާތް ވަކިވުމަށް ހުށަހަޅާފައިވާ ހުށަހެޅުން އަނެއް 27 ގައުމު ހިމެނޭ ގޮތަށް ވިލާތުގެ އިއްތިހާދު ކައުންސިލުންނާއި އީޔޫގެ ރައްޔިތުންގެ މަޖިލީހުންވެސް ފާސް ކުރަން ޖެހެއެވެ.

ޔޫރަޕްގެ އިއްތިހާދުގެ މެންބަރު ގައުމުތަކަށް، އެ އިއްތިހާދުގެ ހިމެނޭ މެންބަރުން، އެތެރެވުމުގައި ވިސާ ބޭނުމެއް ނުވެއެވެ. އެއީ ވާޒީފާ އަދާ ކުރުމަށް، ނުވަތަ ޓްއިރިސްޓެއްގެ ގޮތުގައި ދަތުރު ކުރި ނަމަވެސް އެކަން އޮންނަ ގޮތެވެ. މިއީ އިނގިރޭސި ވިލާތަށް ދިމާވާނެ މައްސަލައެކެވެ.

އީޔޫއިން ވަކިވުމުން އިނގިރޭސިންނަށް އެ ވިސާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވާނެ އެވެ. މަސައްކަތް ކުރަންދާ ނުވަތަ ވަޒީފާ އަދާ ކުރަންދާ މީހާ ވަޒީފާ އަދާ ކުރުމަށް އެކަމަށް ހާއްސަ ވިސާއެއް ޖަހަން ޖެހެއެވެ.

ނަމަވެސް ޗުއްޓި ހޭދަ ކުރުމަށް ދާމީހުން، 90 ދުވަސް ވަންދެން ވިސާ ނުލައި އުޅޭ ގޮތަށް މިހާރުވެސް އީޔޫގައި ނުހިމެނޭ ގައުމަތަކަށް އިނގިރޭސިންނަށް ދަތުރު ކުރެވޭނެ އެވެ. އެހެންވެ އިއްތިހާދުގެ ގައުމުތަކާއެކުވެސް އިނގިރޭސި ސަރުކާރަށް އެ މުއާމަލާތް އެގޮތުގައި ކުރެވިދާނެއެވެ.

އީޔޫގެ މެންބަރު ގައުމުތަކުން އިނގިރޭސި ވިލާތައް ވަޒިފާއަށް ދާ މީހުން، ވޯކް ޕާމިޓް ހައްދަން ޖެހޭގޮތަށް އިނގިރޭސި ސަރުކާރުން ފާސްކޮށްފިނަމަ، އެ ވޯކްޕާމިޓް ވިސާ ޖަހަން ޖެހޭނެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން އީޔޫގެ މެންބަރުނަށް އެކަން ލުއިކޮށް ދޫކޮށްލައިފިނަ، ވަޒީފާއަށާ މަސައްކަތައް ވެސް އިނގިރޭސި ވިލާތައް ވިސާ ނުލައި ވަދެވޭނެ އެވެ.

އީޔޫގެ ގައުމުތަކުން އެއްބަސްވެފައިވާ ސިންގަލް މާކެޓަކީ އެ އިއްތިހާދު ގައުމުތަކުން، އެއް ގައުމުން އަނެއް ގައުމަށް އެއްވެސް ޓެކްސްއެއް ނުވަތަ ޑިއުޓީއެއް ދެއްކުމެއް ނެތި މުދާލާއި ކެޕިޓަލް ވިޔާފަރީގެ ގޮތުގައި ބަދަލު ކުރުމަށް ހުޅުވާލެވިފައިވާ މިނިވަން މާކެޓެކެވެ.

އީޔޫގެ ގައުމު ތަކުގައި ގާއިމު ކުރެވިފައިވާ ސިންގަލް މާކެޓް ގެ ސަބަބުން ހުރިހާ ވައްތަރެއްގެ މުދާލާއި ވިޔަފާރިއާއި ވަސީލަތްތައް ވެސް ވަކި މިންވަރެއް ނެތި ވިޔާފާރީގެ ގޮތުގައި އެއްގައުމުން އަނެއް ގައުމުގެ މެދުގައި ބަދަލު ކުރެވޭނެއެވެ. އިނގިރޭސި އީޔޫ އިން ވަކިވުމުން ސިންގަލް މާކެޓްގެ ތެރެއިން އެގައުމަށް ފުރުސަތު ގެއްލިގެންދާނެ އެވެ.

ނަމަވެސް އީޔޫއިން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ފްރީ ޓްރޭޑް ގެ ތެރެއިން އިތުރު ޓެކްސްއެއް ނުވަތަ ޑިއުޓީއެއް ދެއްކުމެއް ނެތި އިނގިރޭސިންނަށް ވެސް ބައެއް ބާވަތްތަކުގެ ވިޔާފާރި އީޔޫގެ ގައުމުތަކާއެކު ކުރެވޭނެ އެވެ. ފްރީޓްރޭޑްގެ ތެރެއަށް ނުވަންނާނެ އެންމެ ބޮޑު ދެ ސިނާއަތަކަށް ވާނީ މަސްވެރިކަމާއި ދަނޑު ވެރިކަމުގެ އުފެންދުންތަކެވެ.

އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމުން، އެ އިއްތިހާދުގެ މެންބަރު ގައުމުތަކުން އެ އިއްތިހާދަށް ދޭ ފީއިން އިނގިރޭސިންނަށް ސަލާމަތް ވެވޭނެއެވެ. ތާފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އީޔޫ އިން އިއުލާން ކުރި 117 ބިލިއަން ޕައުންޑްގެ ބަޖެޓަށް އިނގިރޭސި ވިލާތުން 17.8 ބިލިއަން ޕައުންޑް ހޭދަކޮށްފައި ވެއެވެ.

އީޔޫއިން ވަކިވުމަށް ކޭމްޕޭން ކުރި ފަރާތްކުން ބުނެފައިވަނީ އެ ފައިސާއިން އިނގިރޭސިންގެ ކަންކަމަށް، އެގައުމުން ހަރަދު ކުރެވޭނެ ކަމަށެވެ. ނަމަވެސް އީޔޫއިން ވަނީ އިނގިރޭސިންގެ ކަންކަމަށް 4.9 ބިލިއަން ޕައުންޑް ހޭދަކޮށްފައެވެ. އަދި 4.4 ބިލިއަން ޕައުންޑް ވަނީ ދަނޑުވެރިކަމުގެ ސަބްސިޑީސްގެ ގޮތުގަޔާއި، އެހެނިހެން ޕްރޮގްރާމްތަކުގެ ތެރެއިން ފޯރުކޮށްދީފަ އެވެ.

އީޔޫއިން ވަކިވުމަށް އިނގިރޭސި ވިލާތުގެ ހުރިހާ ސަރަހައްދެއްގައިވެސް ވޯޓް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އީޔޫއިން ވަކިވުމަށް އެންމެ ކުޑަ ތާއީދެއް ލިބުނީ ސްކޮޑްލެންޑުންނެވެ.

ސްކޮޓްލެންޑުން ވޯޓްލީ މީހުންގެ ތެރެއން 62 ޕަސަންޓް މީހުން ވޯޓް ދީފައިވަނީ އީޔޫއިން ވަކިވާން ނުފެންނަ ކަމަށެވެ. އީޔޫއިން ވަކިވުމަށް ވޯޓް ދީފައިވަނީ 38 ޕަސަންޓް މީހުންނެވެ.

ސްކޮޓްލެންޑުން ދެއްކި ނަތީޖާތަކުން އެގައުމުން އިނގިރޭސި ދައުލަތުގެ ކިބައިން މިނިވަން ވުމަށް ދެ ވަނަ ފަހަރަށް ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލުން އެކަށީގެންވެއެވެ. އެވާހަކަތައް ސިޔާސީ މަސްރަހުގައި ވަނީ ވަރަށް ބޮޑަށް ގަދަ ވެފައެވެ.