ބޭރު ކުޅިވަރު

ޕޮލެންޑާއި ސްވިޒަލޭންޑް ވެސް ޑިފެންސިވް، ލެވޮންޑޯސްކީ އަށް ސުމެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން މިރޭ ޕޮލެންޑާއި ސްވިޒަލޭންޑް ވާދަކުރާއިރު މި ދެ ޓީމުގެ ވެސް ޑިފެންސިވްކޮށް ވިސްނަން ފަށައިފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޮލެންޑްގެ ކޯޗު ބުނީ އޭނާގެ ޓީމު ކޮޅަށް މުބާރާތުގައި ގޯލެއް ޖެހިފައިނުވަނީ ޓީމު އެއްކޮށް ކުޅުމުގެ ނަތީޖާއިން ކަމަށެވެ. އަދި ޑިފެންސަކީ ފުޓްބޯޅައިގައި މުހިންމު އެއްޗެއް ކަމަށެވެ.

ޕޮލެންޑް ދެ ވަނަ ބުރަސް ދިޔައީ މެޗަކުން މޮޅުނުވެ އެވެ. ޖެހީ އެންމެ ދެ ގޯލެވެ. ނަމަވެސް ކޯޗު ބުނަނީ ޔޫރޯގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލެެއް ވަދެފައިނުވާ ކަމަށެވެ.

"ކޮލިފައިންގައި ވެސް ފަހު މެޗުގައި ގޯލެއް ނުވަދޭ. އެ މެޗު އެއީ ކޮލިފައިން މެޗަށްވީމަ ނުގުނަނީ. އެކަަމަކު އަހަރުމެން ކޮޅަށް ގޯލެއް ނުވަދެ މިވީ ހަތަރު މެޗު،" ކޯޗު ބުންޏެވެ.

ކުލަބު ފެންވަރުގައި އެންމެ މޮޅު އެއް ފޯވަޑް ކަމަށްވާ ބަޔާން މިއުނިކްގެ ރޮބަޓް ލެވޮންޑޯސްކީ ހުރީ ޕޮލެންޑްގަ އެވެ. ނަމަވެސް އެންމެ ނުވަ މިނިޓުން ފަސް ގޯލު ބުންޑަސްލީގާގައި ޖެހި ފޯވަޑަށް މި މުބާރާތުން އަދި ލިބެނީ ސުމެކެވެ. ގޯލެއް ޖެހިފައިނުވާއިރު ގޯލާ އަމާޒުކޮށް އެންމެ ބޯޅައެއް ވެސް އޭނާ އަށް ފޮނުވާލެވިފައިނުވެ އެވެ.

ނަމަވެސް ކޯޗު އާދަމް ނަވަލްކާ ބުނީ އޭނާގެ ކެޕްޓަންގެ މަސައްކަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އޭނާ އެދަނީ އަހަރުމެން ޓީމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެމުން. މީގައި މުހިންމީ އަމިއްލަ މަސައްކަތަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން. އެގޮތުން ބަލާއިރު އޭނާގެ މަސައްކަތް ވަރަށް ރަނގަޅު،" ކޯޗު ބުންޏެވެ.

ސްވިޒަލޭންޑް ޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ. އަދި މިރޭގެ މެޗަށް ނުކުންނައިރު ދެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ޕޮލެންޑް ބަލިވީ އެންމެ މެޗަކުންނެވެ. މިހެންވެ ތާރީހު ބުރަވަނީ އެ ޓީމު ކޮޅަށެވެ.

ކޯޗު ވަލްޑަމީރު ޕެޓްކޮވިޗް ބުނީ މިރޭގެ މެޗު ކާމިޔާބު ކުރުމަށް ލަނޑުޖެހުމުގެ ޒިންމާ ހުރިހާ ކުޅުންތެރިންގެ ބޮލުގައި ވެސް އޮންނާނެ ކަމަށެވެ.