ބޭރު ކުޅިވަރު

ރޮނާލްޑޯގެ ނުރައްކާ ކުޑަކުރަންޖެހޭ. މޮޑްރިޗާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު

ޕޯޗުގަލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ނުރައްކާ ކުޑަކުރަންޖެހޭ ކަމަށާއި ލޫކާ މޮޑްރިޗް ލައްވައި ކުޅުވުމާމެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް ކްރޮއޭޝިޔާ ޓީމުން ބުނެފި އެވެ.

ކޯޗު އެންޓޭ ސަސިޗް މިހެން ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
"އަހަރުމެން ޕޯޗުގަލްއާ ދެކޮޅަށް ރަނގަޅަށް ޑިފެންސް ކުރަންޖެހޭނެ. އެ ޓީމަކީ ވަކިވަކި ކުޅުންތެރިން މޮޅު ޓީމެއް. އެމީހުންގެ މޮޅުކަން ދެއްކިޔަދީގެންނުވާނެ. ޔަގީން، ރޮނާލްޑޯގެ އަކީ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ. އެޓީމުގެ އެންމެ މުހިންމު މީހަކީ ވެސް އޭނާ. ރޮނާލްޑޯގެ ނުރައްކާ ކުޑަކުރަންޖެހޭ،" ސަސިޗް ބުންޏެވެ.

އޭނާ ބުނީ ހާނިއްކަވެފައިވާ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ލޫކާ މޮޑްރިޗާއި ފޯވަޑް މާރިއޯ މަންޒުކިޗް ލައްވައި މެޗުގައި ކުޅުވާނެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.

"އަހަރެން ނުބުނާނަން އެދެމީހުން މުޅިން ފިޓްކަމަށް މެޗުގެ 90 މިނިޓް ކުޅޭވަރަށް. އެހެންވީމާ ތިކަމާމެދު ގޮތެއް ނިންނާމީ މާދަމާ (މިއަދު) އެންމެ ފަހު ވަގުތު. އަހަރެން އުއްމީދު ކުރަނީ އެމީހުންގެ ބޭނުން ހިފޭނެ ކަމަށް،" ކޯޗު ބުންޏެވެ.

ކްރޮއޭޝިޔާ ސްޕޭން ބަލިކޮށް ގްރޫޕުގެ ކުރި ހޯދި މެޗުގައި މި ދެ ކުޅުންތެރިން ތިބީ ނުކުޅެ ބެންޗުގަ އެވެ.