ބޭރު ކުޅިވަރު

ސޭވްކުރި ރާމޯސްގެ ޕެނަލްޓީ އަލުން ޖަހަންޖެހޭނެ: ކޮލީނާ

ސްޕޭންގެ ސާޖިއޯ ރާމޯސް ކްރޮއޭޝިޔާ ކޮޅަށް ޖެހި ޕެނަލްޓީ އަކީ އަލުން ޖަހަންޖެހޭ ޕެނަލްޓީ އެއް ކަމަށް ޔޫއޭފާގެ ރެފްރީޒް ހެޑް ޕިއަރްލުއިޖީ ކޮލީނާ ބުނެފި އެވެ.

އޭނާ ބުނީ ސްޕޭންގެ ކެޕްޓަން ރާމޯސް ޕެނަލްޓީ ޖެހުމުގެ ކުރިން ކްރޮއޭޝިޔާގެ ކީޕަރު ޑެނިއަލް ސުބަސިކް ގޯލް ރޮނގު ދޫކޮށް ކުރިއަށް ނުކުމެފައިވާ ކަމަށެވެ.

"ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު އެގޮތަށް ނުކުމެޖިއްޔާ އަލުން އެޕެނަލްޓީ އެއް ޖަހަންޖެހޭނެ. ރެފްރީންނަށް މިފަހަރު މިއޮތީ މިކަން ނުފެނިފައި. ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ ގޯސް ހަދައިފިނަމަ އަލުން ޖަހާކަށް ނުޖެހޭނެ،" ކޮލީނާ ބުންޏެވެ.

އޭނާ ބުނީ ރެފްރީންނަށް ކީޕަރުގެ ހަަރަކާތްތަކަށް އަޅާނުލެވެނީ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ އާއި އޭރިޔާ ބޭރުގައި ތިބޭ ދެ ޓީމުގެ ކުޅުންތެރިންނަށް ބަލަން ހަދައިގެން ކަމަށެވެ.

"ރަނގަޅަށް ޕެނަލްޓީ ޖައްސުވަން އެކަން ކުރަނީ. އެކަމަކު ކީޕަރުގެ ހަރަކާތްތައް ވެސް ބަލަންޖެހޭނެ. މިފަދަ ކަންތައްތައް ހިނގާނެ. އެކަމަކު ފަރުވާތެރިވާން ޖެހޭ. ކީޕަރު ލައިން ދޫކޮށް ނުކުމެފިނަމަ އަލުން ޕެނަލްޓީ ޖަހަންޖެހޭނެ،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ރެފްރީކަން ކުރި ދުނިޔޭގެ ކުރީގެ އެއްވަނަ ރެފްރީ ބުންޏެވެ.

އޭނާ އަދި ބުނީ ފުޓްބޯޅަ ގަވާއިދުގެ 14 ވަނަ މައްދާގައިވާ ގޮތުން ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރަށް ލައިން ދޫކޮށް ނުނުކުމެވޭނެ ކަމަށާއި ހުރިހާ ރެފްރީންނަށް މިހާރު ބްރީފިން ދީފައިވާނެ ކަމަށެވެ. އަދި މުބާރާތުގެ ގަދަ 16 އަށް ގޮސްފައިވާ ޓީމުތަކަށް އަމާޒުކޮށް ގަވާއިދު ކިޔައިދޭން ހާއްސަ ސެޝަނެއް ނުބާއްވާނެ ކަމަށް ވެސް ކޮލިނާ ބުނެފައިވެ އެވެ.

"މުބަރާތުގެ ކުރިން ހުރިހާ ޓީމަކަށް ވެސް ބްރީފް ކޮށްދީފައިވާނީ. ދެން ގަވާއިދަށް ކަންކަންކުރުމަކީ ހަމައެކަނި ރެފްރީންގެ ކަމެއްނޫން. ޓީމުތަކުން ވެސް އެބަޖެހޭ އެކަންކުރަން. ރެފްރީން އަތުން މިފަދަ ކުދި މިސްޓޭކްތައް ހެދުނަސް ޖުމުލަކޮށް މި މުބާރާތުގައި ރެފްރީންގެ މިސްޓޭކް ވަރަށް މަދު. އަދި ހުރިހާ ރެފްރީން ވެސް ވަރަށް ރަނގަޅަށް ޒިންމާ އަދާކުރޭ،" ކޮލީނާ ބުންޏެވެ.