ކަނޑުމަތީގެ ހާދިސާ

ލޯންޗަކާއި ދޯންޏެއްޖެހި 15 މީހަކަށް އަނިޔާވެއްޖެ

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ގިނ ބަޔަކަށް އަނިޔާ ވެއްޖެ އެވެ. ފުލުހުން ބުނީ ލޯންޗަކާއި ދޯންޏެއްޖެހި އެކްސިޑެންޓްވީ މިރޭ 7:30 އެހާކަންހާއިރު ކަމަށާއި އެއީ ވިލިމާލެ އާއި ފޭދު ފިނޮޅާއި ދެމެދުން ދަތުރު ކުރި ލޯންޗަކާ ދޯންޏެއް ކަމަށެވެ.

ހާދިސާގައި އަނިޔާވި 15 މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އެބަދެ އެވެ. އެކްސިޑެންޓްވި ލޯންޗުގައި 13 މީހަކު ތިއްބެވެ. ދޯނީގައި ތިބި މީހުންގެ އަދަދުވެސް ސާފެއް ނުވެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ ހަތަރު އަންހެނުންނާއި ބިދޭސީ ހަ ފިރިހުންނާއި ދިވެހި ފަސް ފިރިހެނުން ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ. ގިނަ މީހުންނަށް ލިބިފައި ވަނީ ކުދިކުދި ޒަހަމްތައް ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

މިރޭ މި އެކްސިޑެންޓް ހިނގާފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ ވެސް މާލެއާ ކައިރި ކަނޑުމަތިން ދޯންޏަކާއި ހުޅުމާލޭ ފެރީއެއް އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެފައިވެ އެވެ.

އެކްސިޑެންޓުގައި ލޯންޗާއި ދޯންޏަށް ވެސް ވަނީ ގެއްލުންތައް ވެފައެވެ. ދޯނީގެ ގެގަނޑު އޮތީ އަދިވެސް އެކްސިޑެންޓްވި ސަރަހައްދުގެ ކަނޑުގަ އެވެ.