ހަބަރު

ހަތިޔާރުތަކުގެ ތަހުލީލުތައް މިނިވަން ފަރާތެއް މެދުވެރިކޮށް ކޮށްދިނުމަށް ނާޒިމްގެ ފަރާތުން އެދިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރުތަކުގެ ފޮރެންސިކް ތަހުލީލުތައް މިނިވަން ފަރާތެއް މެދުވެރިކޮށް ހެދުމަށް އެދި ނާޒިމްގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުގެ ކިބައިން އެދިއްޖެ އެވެ.

ނާޒިމްގެ އިސް ވަކީލުގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލް މައުމޫން ހަމީދު މިދިޔަ ބުރާސްފަތި ދުވަހު ސީޕީ ހުސައިން ވަހީދަށް ފޮނުއްވި ސިޓީގައިވަނީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރުތަކުގެ ފޮރެންސިކް ތަހުލީލުތައް މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ހެދުމަށް ނާޒިމް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ހިނގާ ޚަރަދު ވެސް ނާޒިމް ނަގާނެ ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާ ކުރަން ބޭނުންވާތީ އެ ތަކެތީގެ ކޮޕީއެއް ވެސް ވީހާ ވެސް އަވަހަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ދެވަނަ ސިޓީއެއް ނާޒިމްގެ ފަރާތުން ވަނީ ސީޕީ ހުސައިން ވަހީދަށް ފޮނުވައިފަ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ ފުލުހުން ވަނީ ނާޒިމްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ. އަދި ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ނާޒިމް ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ނާޒިމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާއިރު އެ މައްސަލަ ނާޒިމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.