ބޮލީވުޑް

ޕްރިޔަންކާ އާއި ދިޕިކާގެ އެކުވެރިކަން ނިމުމަކަށް؟

Jun 26, 2016

ވާދަވެރި ބޮލީވުޑްގައި ގާތްއެކުވެރިން ތިބެދާނެ ކަމާ މެދު އެތައް ބަޔަކު ޝައްކުކުރެ އެވެ. ނަމަވެސް ބައެއް ތަރިންގެ މެދުގައި ވާދަވެރިކަން އޮންނަ ވަރަށް އެކުވެރިކަން ވެސް އޮވެ އެވެ. އެފަދަ ގާތް ދެއެކުވެރިންނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ ޕަދުކޯން އެވެ.

ޕްރިޔަންކާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ބަތަލާ އެވެ.

ޕްރިޔަންކާ އަށްފަހު ހޮލީވުޑަށް ދިޕިކާ ވެސް މިސްރާބު ޖަހާފައިވާއިރު، ފުރަތަމަ ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ގެ ޝޫޓިން ވަނީ ވިން ޑީސެލް އާއެކު ނިންމާލާފަ އެވެ.

ހޮލީވުޑްގައި ޕްރިޔަންކާ އަށް ލިބެމުން އަންނަ ކާމިޔާބީ އާއި އޭނާގެ މަގްބޫލުކަން މުޅި ދުނިޔޭގައި ބޮޑުވެގެން ގޮސްފައިވާތީ ގާތް ދެއެކުވެރިންގެ ގޮތުގައި ތިބި މިދެތަރިންގެ ދެމެދުގައި އޮތް އެކުވެރިކަން ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ދިޕިކާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ކުޅުމުގެ ކުރިން މިދެތަރިން ވަނީ އެކުގައި 2015 ވަނަ އަހަރު ނިކުތް ފިލްމު "ބާޖީރާއީ މަސްތާނީ" ކުޅެފަ އެވެ. އެފިލްމުގެ ޝޫޓިންގެ ތެރެއިން ވަނީ ދެތަރިންގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން ފެނިގެން ގޮސްފަ އެވެ. ނަމަވެސް ސްޕެއިންގެ މެޑްރިޑްގައި ރޭ ނިމުނު އައިފާ އެވޯޑް ހަފްލާގެ އެކި އިވެންޓްތަކުގެ މިދެތަރިން ބައިވެރިވެފައިވާއިރު މިދެތަރިން އެކަކު އަނެކަކާ ވާހަކަ ދައްކާ ހީ ސަމާސާކުރާތަން ފެނިފައނުވާއިރު، ދެމީހުންވެސް އުޅެފައިވަނީ އެކަކު އަނެކަކާ ވަރަށް ދުރުންނެވެ.

"ބާޖީރާއޯ މަސްތާނީ" ގައި މިދެތަރިން އެކުގައި ފެނިގެން ގޮސްފައިވާ ލަވަ، "ޕިންގާ" މިއެވޯޑް ހަފްލާގައި ދެތަރިން ނެށުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ދިޕިކާ ވަނީ ޕްރިޔަންކާ އާއެކު އޭނާ މިއައިޓަމް ހުށަނާޅާނެ ކަމަށް ބުނެފަ އެވެ. މިއެވޯޑް ހަފްލާ އިންތިޒާމުކުރި ފަރާތުން ވެސް ބޭނުންވީ މިދެތަރިން މިލަވައަށް ނެށުން އެކުގައި ހުށަހެޅުމަށެވެ. އެގޮތުން ދިޕިކާ އާއެކު މިލަވައަށް ނަށަން ޕްރިޔަންކާ އެއްބަސްވި ނަމަވެސް ދިޕިކާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ޕްރިޔަންކާ އާއި ދިޕިކާ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ކަމަށް ނޫސްތަކުގައި ބުނެފައިވަނީ ދިޕިކާ އަށް ވުރެން ޕްރިޔަންކާގެ މަގްބޫލުކަން ބޮޑުވުމެވެ. އަދި ޕްރިޔަންކާ ކުޅެމުން އަންނަ އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ" ގެ ދެވަނަ ސީޒަން ވެސް ސްޕެއިންގައި މިހާރު ރިލީޒްކޮށްފައިވާއިރު، އެގައުމުގައި ވެސް ޕްރިޔަންކާގެ އެތައް ހާސް ފޭނުންނެއް ތިބުންވީ ދިޕިކާގެ ހިތުގައި ޕްރިޔަންކާއާ މެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމަކަށެވެ.

ކޮންމެ ގޮތެއް ވިޔަސް ދިޕިކާ އާއި ޕްރިޔަންކާގެ އެކުވެރިކަން ނިމުމަކަށް އަންނަން ޖެހުނު ސަބަބަކަށް ވެފައި މިވަނީ ޕްރިޔަންކާ އަށް ލިބެމުން އަންނަ ތަަރުހީބާއި އޭނާގެ މަގުބޫލުކަމެވެ.