ބޭރު ކުޅިވަރު

ޖަރުމަނާއި ސްލޮވާކިޔާއިން ވެސް އިސްކަންދޭނީ ޑިފެންސަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މިރޭ ކުޅޭ މެޗުގައި ޖަރުމަނާއި ސްލޮވާކިޔާއިން ވެސް ޑިފެންސް ވަރުގަދަ ކުރާނެ ކަމަށް ބުނެފި އެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ކީޕަރު މެނުއަަލް ނޯޔާ ޓީމުގެ ފަހަތް ވަރުގަދަ ކުރާ ވާހަކަ ދެއްކިއިރު އެ ޓީމަކީ މިހާތަނަށް ޔޫރޯގައި ލަނޑެއް ވަދެފައިނުވާ ހަމައެކަނި ޓީމެވެ.

"އެއީ ވަރަށް ބޮޑު ހިތްވަރެއް. އަހަރުމެން ޓީމެއްގެ ގޮތުގައި ޑިފެންސް ކުރަންޖެހޭނެ. އަހަރުމެން މިކަމަށް ވަރަށް ބޮޑަށް އިސްކަދޭނަން. އަހަރުމެން ބޭނުންވަނީ ކާމިޔާބު ޔޫރޯ މުބާރާތަކަށް ހަދަން،" ނޯޔާ ބުންޏެވެ.

އޭނާ އަދި ބުނީ ފަހަތުގައި ތިބެ ޑިފެންސް ކުރާ ޓީމުތައް ބަލިކުރުމަކީ ފަސޭހަކަމެއްނޫން ކަމަށާއި ސްލޮވާކިޔާއާ މެދު ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.

މިރޭގެ މެޗަށް ޖަރުމަނު ނުކުންނައިރު ޑިފެންދަރު ޖެރޯމް ބޯޓެން ހާނިއްކައިގެ ސަބަބުން ފަރުވާ ހޯދުމަށްފަހު ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ނަމަވެސް އޭނާއާއެކު ފަހަތަށް ކުޅެމުން އަންނަ މެސުޓް ހުމެލްސް 100 ޕަސެންޓް ފިޓެއްނޫނެވެ.

ޖަރުމަނު ޓީމުގެ ކުރިން މިރޭ ވެސް ފުރުސަތު ދޭނީ މާރިއޯ ގޯމޭޒް އަށެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ނޮދަން އަޔަލޭންޑް ކޮޅަށް ގޯލު ޖަހާފައިވުމުން އޭނާ ހިމަނައިގެން ފުރަތަމަ 11 ސެޓް ކޮށްފައިވާއިރު ސްލޮވާކިޔާ ޓީމަށް ވަނީ އަނިޔާގެ ހިޔަނި އެޅިފަ އެވެ.

ޑިފެންޑަރު ޕީޓަ ޕެކަރިކްގެ ނޭފަތް ވަނީ ބިނދިފަ އެވެ. ނަމަވެސް މާސްކެއްގެ އެހީގައި މިރޭގެ މެޗު ކުޅެން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޯޗު ޔާން ކޮޒަކް ބުނީ މުބާރާތަށް ތައްޔާރުވާން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނު އަތުން މޮޅުވެވިފައިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އެކަމަކު އަހަރުމެން ވަރަށް ރަނގަޅަށް ޑިފެންސް ކުރަންޖެހޭނެ. ރަނގަޅު ޑިފެންސަކާއެކުގައި ނޫނީ އަހަރުމެންނަށް ކާމިޔާބު ނުލިބޭނެ. އެމީހުންނަކީ ދުނިޔޭގެ ޗެމްޕިއަނުން. އެމީހުންނަށް އެނގޭނެ މިފަދަ ބޮޑު މުބާރާތްތަކުގައި ކުޅެންވީގޮތް. އަހަރުމެން މިކަމަށް އާވާނެ،" ކޯޗު ބުންޏެވެ.

އިންގްލޭންޑާއި ވޭލްސް އަދި ރަޝިޔާ ހިމެނުނު ގްރޫޕުން ސްލޮވާކިޔާ ކޮލިފައިވީ ރަޝިޔާ ބަލިކޮށްފަ އެވެ.