ޔޫރޯ 2016

ބައިކޮޅަށް ގޯލެއް ނުވަދެ ކްއާޓާ ފައިނަލަށް ދިޔަ ފުރަތަމަ ޓީމަކަށް ޖަރުމަން

Jun 26, 2016
1

ސޮލަވާކިއާގެ މައްޗަށް 3-0 ކުރިހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހްގައި ބައިކޮޅަށް ގޯލެއް ނުވަދެ، މުބާރާތުގެ ކްއާޓާ ފައިނަލަށް ޖަރުމަން ދަތުރުކޮށްފިއެވެ.

ޔޫރޯގެ ތާރީހްގައި މީގެ ކުރިން އެއްވެސް ޓީމަކަށް ބައިކޮޅަށް ގޯލެއް ނުވެދެ ކްއާޓާ ފައިނަލަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

ޖަރުމަންގެ އިތުރުން، ޕޮލެންޑްވެސް ގުރޫޕް ސްޓޭޖް ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެއެވެ. ނަމަވެސް ރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗްގައި ޕޮލެންޑް ކޮޅަށްވެސް ވަނީ ގޯލް ވަދެފައެވެ.

މިރޭގެ މެޗްގައި ޖަރުމަންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ޖްރޯމް ބޯޓިންއެވެ.

އޭގެ ފަހުން ޖަރުމަނަށްވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އިތުބާރު މިޑްފީލްޑަރު މެސްޓް އޮޒިލް ފޮނުވާލި ޕެނަލްޓީ ސޮލަވާކިއާގެ ކީޕަރު މެޓްސް ކޮޒަކިކް ވަނީ ދިފާއުކޮށްފައެވެ.

ޖަރުމަންގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ކާމިޔާބު ކުރީ މާރިއޯ ގޯމޭޒްއެވެ.

ތިން ވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޫލިއަން ޑްރެކްސާއެވެ.

ކްއާޓާ ފައިނަލްގައި ޖަރުމަން ބައްދަލު ކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާ އިޓަލީ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.