ބޭރު ކުޅިވަރު

36 އަހަރު ފަހުން ބެލްޖިއަމް ކްއާޓާ ފައިނަލަށް

Jun 27, 2016

ހަންގޭރީގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރި ހޯދައި 36 އަހަރު ފަހުން ބެލްޖިއަމް މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބެލްޖިއަމް އެންމެ ފަހުން މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކުރީ 1980 ވަނަ އަހަރު ޔޫރޯގައެވެ. އެ އަހަރު އެޓީމު ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ހަތަރު ލަނޑުގެ ނަތީޖާއިން މޮޅުވުމުން، މިނަތީޖާއަކީ މިފަހަރު ޔޫރޯގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިރޭގެ މެޗްގައި ބެލްޖިއަމްގެ ކެޕްޓަން އެޑިން ހަޒާޑްގެ ވަނީ މޮޅު ކުޅެއް ދައްކާފައެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާއެވެ.

ބެލްޖިއަމްގެ ފުރަތަމަ ލަނޑު ޓޮބީ އެލްޑާވިއާލްޑް ކާމިޔާބު ކުރީ ކެވިން ޑިބްރޭން ހިލޭ ޖެހުމަކުން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ލަނޑު މިޗީ ކާމޔާބު ކުރީ ހަޒާޑް ތަހަވަސްކޮށްދިން ފުރުސަތަކުންނެވެ. ތިން ވަނަ ލަނޑު ހަޒާޑް ކާމިޔާބު ކުރީ އޭގެ އެއް މިނެޓް ފަހުންނެވެ.

ހަތަރު ވަނަ ލަނޑު ކެރޯސްކޯ ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު ވަގުތުގައެވެ.

ކްއާޓާ ފައިނަލުގައި ބެލްޖިއަމް ވާދަ ކުރާނީ ވޭލްސްއާ ދެކޮޅަށެވެ. އެމެޗް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.