މުހައްމަދު އިސްމާއީލް

"ފައިސާ ގޯނި" އުފުލި ކަމަށް ވިދާޅުވި މެންބަރާ ސުވާލުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ވިދާޅުވި މައްސަލާގައި އޭނާއާ ސުވާލުކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށާއި ހުރިހާ މެންބަރުން ވެސް އެ ފައިސާގައި ހިފި ކަމަށް މުހައްމަދު އިސްމާއީލް ތުހުމަތު ކުރައްވާފައިވެ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު އަވަސްއަށް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ މެންބަރުންނަށް ބެހި ކަމަށް މެންބަރު އިސްމާއިލް ދެއްކެވި ވާހަކަތައް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި ތަހުގީގުގައި މެންބަރު އިސްމާއިލާ ސުވާލު ކުރާނެ ކަމަށެވެ. ލުތުފީ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިފައިވަނީ ދައުލަތުގެ ފައިސާ ކަމަށްވާތީ، އެ ފައިސާތަކުގައި ހިފި މެންބަރުން ވެސް މެންބަރު އިސްމާއީލާ ސުވާލުކޮށްގެން ހޯދާނެ ކަމަށެވެ.

ވަކި މައްސަލައެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ބެހި މައްސަލަ ބަލަމުންދާއިރު، އެމްއެމްޕީއާރްސީގެ ތެރެއިން ހިނގާފައިވާ ބޮޑު ހިޔާނާތާ ގުޅޭ މައްސަލާގެ ތަހުގީގު ވެސް އޭސީސީއިން ދަނީ ކުރަމުންނެވެ. އެ ތަހުގީގާ ގުޅޭ ގޮތުން ލުތުފީ ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. ވީއެންމެ އަވަހަކަށް ރިޕޯޓު ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޕޯޓު ހާމަކުރުން ލަސްވަމުންދާ ސަބަބާ ގުޅޭ ގޮތުން ލުތުފީ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ހިނގާފައިވަނީ ބޮޑު ހިޔާނާތެއް ކަމަށްވާތީ، ގިނަ ކަންތައްތަކެއް ބަލައި ހޯދަން ޖެހުނު ކަމަށެވެ. ބޮޑު ތަހުގީގެއް ހިނގުމަށް ދުވަސް ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގެ ތަހުގީގަށް ރައީސް އަބްދުﷲ ޔާމީންއާ ވެސް އޭސީސީއިން ސުވާލުކޮށްފައިވެ އެވެ.