އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދެއްވި ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއިލް އެންމެ ފުރަތަމަ ފައިސާ ގޯނީގެ ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭގެ ފަހުން ބައެއް ޓީވީ ޗެނަލްތަކުގައި ވެސް އެ ވާހަކަ ދެއްކެވި އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވެސް ހުށަހެޅި އެވެ.
އެހެންވެ އެ މައްސަލާގައި މުހައްމަދު އިސްމާއިލްގެ ބަޔާނެއް އޭސީސީއިން ވަނީ ނަގާފަ އެވެ. އޭސީސީއިން ބުނި ގޮތުގައި އެ ބަޔާނުގައި އޭނާ ވަނީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. ބަޔާން ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ ފައިސާ ގޯނި ވާހަކައަކީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް، ނުވަތަ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ ހަވާލުކުރަން އޭނާއަށް ލިބިފައިނުވާ ކަމަށާއި މަޖިލިސް މެންބަރުންނަށް އެއްވެސް ފައިސާއެއް ހަވާލުކުރުމަށް މީހަކު އޭނާއަށް ހަވާލު ނުކުރާ ކަމަށް ވަނީ ބުނެފަ،" އޭސީސީއިން ނެރުނު ބަޔާނުގައި ބުންޏެވެ.
އޭސީސީއިން އިތުރަށް ބުނި ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާ ނުވަތަ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް ލިބިފައިވާކަން އޭނާއަށް އެނގިފައިނުވާ ކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ 60 ޕަސެންޓް ސިޔާސީ ޕާޓީއެއްގެ ބޭފުޅުންގެ އަތުގައި ހުރި ކަމާއި އޭނާގެ އަތުގައި ފައިސާގެ ބައެއް ހުރި ކަމަށް ދެއްކެވި ވާހަކަތަކަކީ ވެސް އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އޭސީސީއިން ބުނި ގޮތުގައި މުހައްމަދު އިސްމާއިލް ވަނީ އެއީ ސިޔާސީ ގޮތުން ފޯރި އާއި ޖަޒުބާތުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.
މުހައްމަދު އިސްމާއިލްގެ ބޭންކް އެކައުންޓްތައް ބެލި ބެލުމުން ވެސް އެމްއެމްޕީއާރްސީގެ ފައިސާތަކެއް އޭނާ ގެންގުޅުނު ކަމަށް ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް އޭސީސީއިން ބުންޏެވެ. އަދި އެ މެންބަރުން މެދުވެރިކޮށް އެހެން މެންބަރަކަށް އެފަދަ ފައިސާތަކެއް ލިބުނު ކަމަށް ވެސް އެއްވެސް ހެއްކެއް ނެތްކަން އެ ކޮމިޝަނުން ފާހަގަކުރި އެވެ.