ކުއްލި ޚަބަރު

ނަޝީދަށް ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި އެވެ. އެގޮތަށް ނިންމާފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ ހައިކޯޓުން ބަަލައި ނުގަތް މައްސަލައިގައި ޕީޖީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓްގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކޮށް، ސިފައިންގެ ޓްރޭނިން ރަށް، ގިރިފުށީގައި ބެހެއްޓި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ޝަރީއަތް 2013 ގައި ފެށި ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް އެތައް ދުވަހަކު މަޑުޖެހިފައި އޮތުމަށް ފަހު ޝަރީއަތްތައް އަލުން ފަށާ ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން ބުނަމުން އަންނަނީ އެ ޝަރީއަތުގައި ޖަވާބުދާރީވުމަށް ރައީސް ނަޝީދަށް އެކަށީގެންވާ ފުރުސަތެއް ނުދޭ ކަމަށެވެ. އަދި އެއީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

އެ މައްސަލަ ރައީސް ނަޝީދުގެ ފަރާތުން އދ ގެ ވޯކިން ގްރޫޕް އޮންއާބިޓްރަރީ ޑިޓެންޝަންއަށް ހުށަހެޅުމުން އެ ގްރޫޕުން ނިންމީ ރައީސް ނަޝީދުގެ މައްޗަށް ކުރި ޝަރީއަތަކީ އިޖުރާއަތްތައް ފުރިހަމަ ނުވާ ޝަރީއަތެއް ކަމަށެވެ. އެހެންވެ، ރައީސް ނަޝީދު ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށްބުނެ، ރައީސް ނަޝީދު ދޫކޮށްލުމަށް އެ ގްރޫޕުން ރާއްޖެއަށް ލަފާއެރުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު މި މައްސަލާގައި އިއްވި ހުކުމުގައި ދަށު ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ. ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ރައީސް ނަޝީދަށް މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ލިބެންޖެހޭ ހައްގުތައް ވެސް ރައީސް ނަޝީދަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ވަކީލަކު އައްޔަންކުރުމާއި ހެކި ހުށަހެޅުންފަދަ ހައްގުތައް ރައީސް ނަޝީދަށް ކުރިމިނަލް ކޯޓުން ކަށަވަރުކޮށްދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަކީލަކު ހޯދުމުގެ ފުރުސަތު ރައީސް ނަޝީދަށް ދެވިފައިވާއިރު ކޯޓުގައި ވަކާލާތު ކުރައްވާފައިވަނީ ވެސް ވަކީލަކާއެކު ކަމަށެވެ. ނަމަވެސް ޝަރީއަތް ހިނގަމުންދަނިކޮށް ވަކީލުން އަމިއްލައަށް މައްސަލައިން ތަނާޒަލުވެފައިވާ ކަމަށާއި އޭގެ ފަހުން ވެސް ރައީސް ނަޝީދަށް ވަކީލުން އައްޔަންކުރައްވަން ކޯޓުން ފުރުސަތުދިންކަން އެނގެން އޮންނަ ކަމަށެވެ.

މީގެއިތުރަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލާގައި އޭރުގެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މި މައްސަލާގައި އަނިޔާލިބިފައިވާ ގާޒީ އަބްދުﷲ މުހައްމަދު އެއްވެސް ގޮތަކަށް ބައިވެރިވެފައިނުވާކަން ވެސް އެނގެން އޮންނަ ކަމަށެވެ.

ސުޕްރީމް ކޯޓަކީ ފަހު މަރުހަލާ ކަމަށްވުމުން ރައީސް ނަޝީދުގެ ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވުމުގެ ދޮރު ބަންދުވީ އެވެ. ދެން ރައީސް ނަޝީދަށް ލުޔެއް ލިބިލައްވާނީ ރައީސް އަބްދުﷲ ޔާމީން މާފު ދެއްވައިފިނަމަ އެވެ. ސުޕްރީމް ކޯޓުގެ މަރުހަލާ ނިންމެވުން އެކަމާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މާފު ދިނުމަށް ގަވައިދަށް އަލަށް ގެނައި ބަދަލުގެ ދަށުން ކުށްވެެރިއަކަށް ރައީސްއަށް މާފު ދެވޭނީ ހުކުމުގެ ދެބައި ކޮށްފަ އެއް ބައި ތަންފީޒުކުރުމުންނެވެ.