ރައީސް މުހައްމަދު ނަޝީދު

އިންސާފު ހޯދަން ސިޔާސީ ގޮތުން ނަޝީދު މަސައްކަތްކުރައްވާނެ: ހިސާން

ރާއްޖޭގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ނުދެކޭތީ، އިންސާފު ހޯދެއްވުމަށް ސިޔާސީ ގޮތުން ރައީސް ނަޝީދު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ދަށު ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން ކޮށްފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

ރައީސް ނަޝީދުގެ ހުކުމާމެދު ގޮތެއް ނިންމުމަށް ސިޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ، އިންސާފު ހޯދެއްވުމަށް ރައީސް ނަޝީދު ސިޔާސީ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ރާއްޖޭއަށް އަދުލުވެރި ޝަރުއީ ނިޒާމެއް ގެނައުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ. ރާއްޖެއާމެދު ވަކި ދާއިރާތަކަކުން ފިޔަވަޅު އެޅުމަށް ވެސް ރައީސް ނަޝީދު ގޮވާލައްވާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.

"ރައީސް ނަޝީދު ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ އިންސާފު ހޯއްދެވުމަށްޓަކައި، އަދި ރާއްޖެއަށް އަދުލުވެރި ޝަރުއީ ނިޒާމެއް ގެނައުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް ވެސް ހަމަ ކުރައްވާނެ، އޭގެ ތެރޭގައި ބައިނަލްއަގްވާމީ ފަރާތްތަކާ ވާހަކަ ދައްކައިގެން ޕްރެޝަރުކޮށްގެން ދިވެހި ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލުން ވެސް ހިމެނޭނެ،" ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ހުކުމްކުރި މައްސަލާގައި ރައީސް ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް އެއްވެސް ވަރަކަށް ރިޔާއަތްކޮށްފައި ނެތުމުން ހިސާން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރައީސް ނަޝީދުގެ ފަރާތްޕުޅުން ޝަރީއަތުގެ މަޖިލީހުގައި ދެއްކި އެެއްވެސް ވާހަކައެއް ދެއްކި ކަމަށް ވެސް ހުކުމް ކުރައްވަމުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ނެތްކަން ފާހަގަވޭ، އޭގެ މާނައަކީ މިއަދުގެ ހުކުމް ނިމިގެން މި އައިއިރުގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލާގައި އެއްވެސް ވާހަކައެއް ދައްކަވާފައި އޮތްކަން މައްސަލައިގެ ރިކޯޑުން އެ ހުކުގައި ފާހަގަވެފައެއް ނެތް،" ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ ފަހު މަރުހަލާ ކަމަށްވުމުން ރައީސް ނަޝީދުގެ ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވުމުގެ ދޮރު ބަންދުވީ އެވެ. ދެން ރައީސް ނަޝީދަށް ލުޔެއް ލިބިލައްވާނީ ރައީސް އަބްދުﷲ ޔާމީން މާފު ދެއްވައިފިނަމަ އެވެ. ރައީސް ނަޝީދަށް މާފުދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމެވޭނީ ސުޕްރީމް ކޯޓުގެ މަރުހަލާ ނިންމެވުމުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މާފު ދިނުމަށް ގަވައިދަށް އަލަށް ގެނައި ބަދަލުގެ ދަށުން ކުށްވެެރިއަކަށް ރައީސްއަށް މާފު ދެވޭނީ ހުކުމުގެ ދެބައި ކޮށްފަ އެއް ބައި ތަންފީޒުކުރުމުންނެވެ.

ހިސާން ވިދާޅުވީ، މާފު ދިނުމުގެ ގަވައިދުގެ ދަށުން ރައީސްއަށް ލިބިދޭ ބާރުތައް ރައީސް އަބްދުﷲ ޔާމީން ގިނިކަންޏާ ހަނިކޮށްފައިވާ ކަމަށާއި ގަވައިދަށް އެ އިސްލާހު ގެނައުމުން އެނގެނީ ސިޔާސީ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ އެއްވެސް ނިޔަތެއް ރައީސް ޔާމީންގެ ނެތްކަން ކަމަށެވެ.

"ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ހުކުމަށް ހައްލެއް ގެނެސްދީ އެ ބޭފުޅުންގެ އަދަބު ލުއިކޮށްދިނުމުގެ އެއްވެސް ނިޔަތެއް އަދި އެ ގޮތަށް އަމަލުކުރުމަށް ބޭނުންނުވާ ކަން އެ އިސްލާހު ގެނައުމުން ސާފުވެގެން އެ ދިޔައީ،" ހިސާން ވިދާޅުވި އެވެ.