ޔޫރޯ 2016

ރޯއި ހޮޖްސަން އިސްތިއުފާ ދީފި

Jun 28, 2016

ޔޫރޯގައި އައިސްލޭންޑް އަތުން ހަޑި ގޮތަކަށް ބަލިވެ، މުބާރާތާ ވަކިވާން ޖެހުމާއެކު އިނގިރޭސި ކޯޗް ރޯއީ ހޮޖްސަން މަގާމުން އިސްތިއުފާ ދީފި އެވެ.

މުބާރާތުގައި ވާދަ ކުރި ކުޑަކަޑަ ގައުމު، އަދި މުބާރާތުގެ "އަންޑަ ޑޯގް" ގެ ގޮތުގައި ބެލެވުނު އައިސްލޭންޑޭ ދެކޮޅަށް ކުޅެ ބަލިގެން އެނބުރި ގައުމަށް ދާންޖެހުނު އިނގިރޭސި ޓީމް ކޯޗް މިރޭ ބުނީ ނާކާމިޔާބީއަށް ފަހު މަގާމުން އިސްތިއުފާ ދިނީ ކަމަށާއި އޭނާއަށް އެހީތެރިވެދިން ހުރިހާ އެންމެނަށާއި ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ވަރަށް ބޮޑަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަހަރެން މައާފަށް އެދެން މިގޮތަށް މުބާރާތުން ބަލިވީމަ. އެކަމަކު މި ކުޅުންތެރިން ގާތުގައި ކުރަންބުނި ހުރިހާ ކަމެއް އެމީހުން ކުރި. އަހަރެން މި ހުނަރުވެރި ކުޅުންތެރިންނާމެދު ފަހުރުވެރިވަން. އެމީހުން ބޮޑު މުބާރާތެއްގައި ވަރަށް އަވަހަށް ކުޅޭތަން އަދި ފެންނާނެ. މި ގޮތަށް ބަލިވީމަ މިއީ އެހެން މީހަކު މި ޓީމާ ހަވާލުވާންވީ ވަގުތު ކަމަށް އަހަންނަށް ފެންނަނީ. އަހަންނާއެކު ގެރީ ނެވިލް އާއި ކޯޗިން ޓީމު ވަރަށް ރަނގަޅަށް މަސައްކަތް ކުރި. އެމީހުން އަހަންނާއެކު ވަކިވާނެ،" މެޗަށް ފަހު ޗޭންޖިން ރޫމުގައި ހުރެ އިނގިރޭސި އެފްއޭއަށް އޭނާގެ އިސްތިއުފާގެ މެސެޖް ފޮނުވުމަށްފަހު ހޮޖްސަން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރި 24 ގައުމުގެ ކޯޗުންގެ ތެރެއިން އެންމެ އަގުބޮޑު ކޯޗަކީ ވެސް ހޮޖްސަން އެވެ. އޭނާ ބުނީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާ އަށް ރަނގަޅު ޓީމެއް ބިނާކުރެވުނު ކަމަށެވެ.