ދުނިޔެ

އައިއެސް އިން ޔަމަނުގެ އަވަށަކަށް ހަމަލާދީ 35 މީހުން މަރާލައިފި

ޔަމަނުގެ އިރުދެކުނުގައި އޮންނަ މުކައްލާއަށް ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން ދިން ހަމަލާތަކެއްގައި 35 މީހުން މަރާލައިފި އެވެ. އެ ހަމަލާތަކުގައި 24 މީހުން ޒަހަމްވެފައިވެ އެވެ.

މި ހަމަލާތައް ދީފައިވަނީ ޔަމަނު އަސްކަރިއްޔާގެ ސިފައިން ރޯދަ ވީއްލަން ހެޑްކުއާޓާއަށް ދިޔަ ވަގުތު އެތަންތަނުގެ ކައިރީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމަލާތައް ދީފައިވަނީ ޖާނުން ފިދާވެގެން އަދި ކާރުގައި ބޮން ހަރުކޮށްގެން ކަމަށްވެ އެވެ.

މުކައްލާއަކީ ކުރިން އަލްގައިދާ ޖަމާއަތުން ކޮންޓްރޯލް ކުރަމުން އައި އަވަށެކެވެ. އެއަވަށް ޔަމަނު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ޔަމަނުގައި މިހާރު ކުރަމުންދާ ދާހިލީ ހަނގުރާމައިގައި 6،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެން ދެބައިކުޅަ އެއްބައި މީހުންނަކީ އާންމު ރައްޔިތުން ކަމަށް ޔޫއެންގެ ރިޕޯޓުތަކުން ދައްކަ އެވެ. ޔަމަނުން 2.8 މިލިއަން މީހުންވަނީ ދާހިލީ ހަނގުރާމައިގެ ސަބަބުން އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.