އަހުމަދު މަހްލޫފު

ޕާޓީ ޓޯކްސްގައި ދެން ބައިވެރިވާނީ އިއްތިހާދުން: މަހުލޫފް

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ބާއްވަން މަސައްކަތްކުރަމުންދާ އޯލް ޕާޓީ ޓޯކްސްގައި ދެން ބައިވެރިވާނީ އިދިކޮޅު ފަރާތްތަކުން މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން އެ އިއްތިހާދުގެ ތަރުޖަމާނު މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުގެ ފަރާތުން ދެން ބައިވެރިވާނީ އެމްޔޫއޯ ކަމަށެވެ. އެމްޔޫއޯ އިން ސަރުކާރާއި އެކު މަޝްވަރާ ކުރާނީ ކޮންމެ ސިޔާސީ ޕާޓީއަކުން ނިންމާ ކެންޑިޑޭޓަކަށް 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އަދި ވިދާޅުވީ އޭގެ އިތުރރަށް ޖުޑީޝަރީ އިސްލާހު ކުރުމަށާއި އިލެކްޝަން ކޮމިޝަން އިސްލާހުކޮށް މިނިވަން އިންތިހާބެއް ބާއްވަން ކުރާ މަސައްކަތްތައް ކުރަން ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

"އެހެންވެ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ބާއްވަން މަސައްކަތް ކުރާ ޕާޓީ ޓޯކްސްގައި ބައިވެރިވާނަމަ އެކަން ކުރާނީ އެމްޔޫއޯގެ ފަރާތުން. އަދި އަޅުގަނޑުމެން ބައިވެރިވެފައި މުޅި ރާއްޖެއިން އެންމެ ބޮޑަށް އިސްލާހު ބޭނުންވެފައިވާ ކޯޓުތަކާއި އަދި އިލެކްޝަން ކޮމިޝަން މިނިވަން އިންސާފުވެރި ކޮމިޝަނަކަށް ހަދައި އަދި ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ބޭނުންވާ ކެންޑިޑޭޓުންނަށް އަންނަ އިންތިހާބެއްގައި ބައިވެރި ވުމުގެ ފުރުސަތު ހޯދުމަށް މަޝްވަރާކުރާނަން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކޯޓުތަކުން ކުރަން ޖެހޭ މަސައްކަތްކޮށް ނިމުމުން ނޫނީ ރައީސުލްޖުމްހޫރިއްޔާ އަށް މާފެއް ނުދެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީ އެ މަސައްކަތްތައް ނިމުމުން ވީހާވެސް އަވަހަށް ހުރިހާ ސިޔާސީ ލީޑަރުންނަށް މާފް ދިނުމަށް ގޮވާލާ ކަމަށެވެ.

އެމްޔޫއޯ އިން މިހެން ބުނެފައިވާ އިރު ދާދި ފަހުން ސަރުކާރުގެ އެދުމަކަށް ޕާޓީ ޓޯކްސް ކުރިޔަށް ގެންދިއުމަށް ލަފާދިނުމަށް އދ. ގެ ވަފުދެއް ރާއްޖެ އައިސްފި އެވެ.