ހަބަރު

މަސްލަހަތު ގެއްލޭ ކަންކަމުން ޕާޓީތައް ދުރުވާންޖެހޭ: މަހުލޫފް

ކޯލިޝަންގައި ހިމެނެނީ ތަފާތު ފިކުރުތަކުގެ ޕާޓީތަކަށްވާއިރު ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ހިޔާލު ތަފާތުވާއިރަށް ބައިބައިވުމަކީ ހައްލެއް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެމްޑީޕީއަށާއި ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ރޭ ރައްދުކޮށްފައިވާތީ އެވެ. ރޭ އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުން ރައީސް ނަޝީދާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާކަން އެނގެ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވަމުން މަހުލޫފް މިއަދު ވިދާޅުވީ، ކެނޑިޑޭޓެއް ނެރެން ކޮންމެ ޕާޓީއަކުން ވެސް ބޭނުންވާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އެދެނީ އެއް ޕާޓީން އަނެއް ޕާޓީއަށް އިހްތިރާމްކުރުމަށް ކަމަށާއި މަސްލަހަތު ގެއްލޭ ކަންކަމުން ދުރުވެ ރައްޔިތުންގެ އުއްމީދު ކުޑަކޮށް ވެސް ފަނޑުނުވާ ގޮތަށް މަސައްކަތް ކުރުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ހިތް ނޭދޭ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑު އިވޭނެ، އިންތިހާބު ކައިރިވާ ވަރަކަށް އެކަހަލަ އަޑު ގަދަ ވެސް ވެދާނެ، އެކަމާ އަޅުގަނޑުމެން ވިސްނާ ކަންބޮޑުވުމުގެ ބޭނުމެއް ނެތް،" މަހުލޫފް ވިދާޅުވި އެވެ. "އިންތިހާބު ކާމިޔާބު ކުރާއިރު މި ކޯލިޝަން އޮންނާނެ، އަޅުގަނޑަށް ޔަގީން،"

މަހުލޫފް މިހެން ވިދާޅުވިއިރު ރޭ ޖަމީލު ރައީސް ނަޝީދަށް އިޝާރަތް ކުރައްވާ ވިދާޅުވީ، ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭނީ ހަމައެކަނި ތިމަންނައަށޭ ވިދާޅުވުމުގެ ހައްގެއް އެއްވެސް ބޭފުޅަކަށް ނެތް ކަމަށެވެ. ވަކިވެގަނެގެން ލިބޭނެ ފައިދާއެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޖަމީލު ވިދާޅުވީ، އެކުވެރިކަން ދެމެހެއްޓޭނީ އިތުބާރު ގާއިމުކޮށްގެން ކަމަށެވެ. ވަރުގަދަ ތަނބެއްގެ މަތީގައި ތިބެގެން ކަމަށެވެ. އިތުބާރު ހިފެހެއްޓުމުގެ މާނައަކީ ހިޔާލާއި ފިކުރު ދޫކޮށްލުމެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީއަކީ ވަކި ފިކުރެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އެ ފިކުރުގެ ހައްގެއް ރައްޔިތުންނަށްޓަކައި އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ ބުރަކައްޓަށް ވަޅި ހަރާލަންޖެހޭ ފަހަރެއް ނޫން، އެކަން އެގޮތަށް ކޮށްގެން ނުވާނެ، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލުގެ ފާޑުވިދާޅުވުންތައް ރައީސް ނަޝީދަށް ރައްދު ކުރެއްވި ނަމަވެސް އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު ގެންދަވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.