ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނަށް ބަހުގެ ހަމަލާއެއް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ރައްދު ކުރައްވައިފި އެވެ. ހަސަންގެ ހަމަލާތައް ޖުމްހޫރީ ޕާޓީގެ އިސްވެރިންނަށް އަމާޒުވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އަމީން އިބްރާހިމް މިއަދު މީޑިއާއަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީ ވާދަކުރައްވައި، ވަކިން ކެމްޕެއިން ކުރައްވާތީ ކޯލިޝަންގެ އެއް ކެންޑިޑޭޓެއްގެ އުއްމީދުގައި ތިބި ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް އަމީން ފާޑުވިދާޅުވަމުން އެކަމަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، އެއް ކެންޑިޑޭޓެއް ނެރުނަށް އެކުލަވާލި ޖޮއިންޓް އޮޕޮޒިޝަންގެ ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅުން ތިއްބަވާ ކަމަށާއި އެ ކޮމެޓީން އެއްބަސްވެފައިވާ ހުރި ކަންކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ މަންދޫބުންނަކީ، އަބްދުﷲ ރިޔާޒާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
ބެލެވެނީ ދުރުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުންނަށް ކަންކަން ސާފުވެފަ ހުންނަލެއް ކުޑައީ ކަމަށްހަސަން ލަތީފް
ހަސަން މިހެން ވިދާޅުވީ ރައީސް ނަޝީދު ކުރިމަތިއްލައްވަން ނިންމާފައިވަނީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގަ އެވެ. ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އެއް ކެންޑިޑޭޓެއް ހޮވުމަށް ހުރިހާ ޕާޓީތަކެއްގެ މެދުގައި ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެއް ކެންޑިޑޭޓްގެ ހިޔާލަކީ ވެސް ރައީސް ނަޝީދު އެންމެ ފުރަތަމަ އުފަން ކުރުވި ހިޔާލެކެވެ.
މިއަދު އަމީން އިބްރާހިމް ފާޅުގައި ރައީސް ނަޝީދަށް ފާޑުވިދާޅުވިއިރު، ޖުމްހޫރީ ޕާޓީއަށް ވަރަށް ފަހުން ގުޅުވަޑައިގަތް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕޮލިޓިކަލް އެޑްވައިޒަރުން ކަމަށްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ހިންގަވާ ކެމްޕެއިނަކީ ބައިބައިވުމެއް އަމަލެއްކަން ފާހަގަކުރައްވާފަ އެވެ.