ރާއްޖެއަށް ތަރައްގީ ގެންނަން އެންމެ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ސަރުކާރުން ކަމަށާއި މި ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގަނީ ކޮރަޕްޝަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ގޭބަންދުގައި ހުންނަވައިގެން މިރޭ ސަންގު ޓީވީ މެދުވެރިކޮށް ދެއްވި މެސެޖެއްގައި މަހުލޫފް ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބްރިޖް ނިމިފައިވާތީ އުފާ ކުރާ ކަމަށެވެ. ނަމަވެސް 100 މިލިއަން ޑޮލަރަށް ހެދެން އޮތް ބްރިޖް 300 މިލިއަން ޑޮލަރަށް ހަދައި 47 މިލިއަން ޑޮލަރަށް ހެދެން އޮތް ދަރުމަވަންތަ ހޮސްޕިޓަލް 224 މިލިއަން ޑޮލަރަށް އިމާރާކުރުމަކީ ތަރައްގީއެއް ނޫން ކަމަށެވެ.
"ތިން ބަނދަރު ހެދޭ ފައިސާއިން އެއް ބަނދަރު، ހަތަރު ނަރުދަމާ އެޅޭ ފައިސާއިން އެއް ނަރުދަމާ، ފަސް ތާރު މަގު ހެދޭ ފައިސާއިން އެއް މަގު ހެދީމާ އެއީ ތަރައްގީއެއް ނޫން، އެއީ ކޮރަޕްޝަން، އެއީ ތަރައްގީގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް، އެހެން ކަމުން އެކަންކަމުން ފައިދާބޮޑުވެ ޖަރީވެގެންދަނީ އެމަސައްކަތުގައި އުޅޭ ބޮޑުންގެ ޖީބުތައް،" މަހްލޫފް ވިދާޅުވި އެވެ.
"ތަރައްގީވެއްޖެ ކަމަށް ވިދާޅުވާއިރު ރައްޔިތުންގެ ޖީބުތައް ވަނީ ފޫގޮސްފައި، ރައްޔިތުންގެ ބޭންކް އެކައުންޓްތައް ވަނީ ހުސްވެފަ، ރައްޔިތުން އަދާކުރަން ޖެހިފައިވާ ދަރަނި ވަނީ އިތުރުވެފަ، ކަރަންޓް ބިލާއި ފެންބިލު ދައްކަން ސަލާން ޖަހަން ޖެހިފަ، ބޭސް ފަރުވާއަށް ފަންޑޫފޮށި ހިފައިގެން ދުވުން މިވަނީ ލާޒިމް ކޮށްފައި،"
މަހްލޫފް ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން ރަށްރަށަށް ވަޑައިގެން ވަރަށް ގިނަ ހަރަދު ކުރައްވައިފި ކަމަށް ވިދާޅުވެ ހައްދަވަނީ އިތުރުފުޅެއް ކަމަށާއި އެއީ އެމަނިކުފާނު އަމިއްލަ ޖީބުން ހަރަދު ކުރާ ފައިސާ ނޫން ކަމަށެވެ، އެއީ ރައްޔިތުންގެ ބައިތުލް މާލުން ހަރަދު ކުރާ ފައިސާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.
"ތަރައްގީއަށް ކުރާ ހަރަދު އިތުރުވެގެން އެވާހަކަ ދައްކާނަމަ ފަތި ފައްޗަށް އެޝުކުރު ހައްގު ވަނީ ރައީސް ނަޝީދަށާއި އެމްޑީޕީގެ ސަރުކާރަށް، މި ރާއްޖެއަށް ޓެކްސްގެ ނިޒާމް ތައާރަފްކޮށް ދައުލަތަށް އާންމުދަނީގެ ގޮތަށް ލިބެމުންއައި ހަތް ބިލިއަން ރުފިޔާ 19 މިލިއަނަށް އިތުރުކޮށްދެއްވި ކަމަށްޓަކައި އެމްޑީޕީގެ ސަރުކާރަށް ޝުކުރު އަދާކޮށް ތަރުހީބުގެ އަތްތިލަ ބަޑި ޖަހަން ޖެހޭ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ، ރައްޔިތުން އަތުން ޓެކްސް ނަގައިގެން ވައްކަން ނުކޮށް އެއިރެއްގައި އޮންނަ ސަރުކާރަކުން ތަރައްގީ ގެނެސް ދިނުމަކީ ވާޖިބެއް އަދި ލާޒިމް ކަމެއް ކަމަށާއި އެއީ ދައުލަތުގެ ކެރިފޯރުން ހުރި މިންވަރަކުން ކުރުން ލާޒިމް ކަމެއް ކަމަށެވެ.
މަހްލޫފް ވިދާޅުވީ، ދީނީ އަދި ލާދީނީ ވާހަކަ އަކީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ބޭނުން ކުރާ އެންމެ ބޮޑު އެއް ހަތިޔާރު ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެނަމަ އިސްލާމްދީން މިގައުމުން ފޮހެލެވޭނެ ކަމަށް ދެކެވެމުންދާ އަޑު ގަދަވެފައިވާ ކަމަށެވެ.
މަހްލޫފް ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން ނަގަހައްޓައި ދެމެހެއްޓީ ގައުމުގެ ރައްޔިތުން ކަމަށާއި ދީން ބަދަލުކޮށް އެހެން ދީނަކަށް ޖާގަ ދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިބޫގެ ވެރިކަމެއްގައި އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ، ކުށް މަދު ވެއްޖެކަމަށާއި މަގުމަތި އަމާން ވެއްޖެކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުންދާއިރު، މިސަރުކާރުގައި އުފައްދައިދޭނެ ކަމަށް ބުނި ޒުވާނުންގެ ސިޓީ ލެއިން ކޯރު ހެދިފައިވާ މާސިންގާ ގަބުރުސްތާނަކަށް ބަދަލު ވެފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ ނިމިގެން ދިޔަ ފަސް އަހަރު ތެރޭގައި ކޮންމެ 47 ދުވަހަކުން މަގުމަތީގައި ޒުވާނަކު ކަތިލާފައިވާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.