މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

ރައީސްއާ ސަލާން ކުރަން ގޮސް އިސްތިއުފާ ދޭން އިއްތިހާދުން ގޮވާލަނީ

އީދު ނަމާދަށް ފަހު ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުﷲ ޔާމީންއާ ސަލާން ކުރައްވައި އިސްތިއުފާ ދޭން ގޮވައިލާނެ ކަމަށް މޯލްޑިވްސް ޔުނައިޓަޑް އޮޕޮސިޝަނުން ބުނެފި އެވެ.

ނޫސްވެރިންނާއި މިއަދު ބައްދަލު ކުރައްވައި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ފިތުރު އީދު ދުވަހު އީދު ނަމާދަށް ފަހު ރައީސްއާ ސަލާން ކުރެއްވުން އޮންނާނެ ކަމަށް އިއުލާން ކުރެއްވުމަކީ އެއިއްތިހާދަށް ލިބުނު އުފަލެއް ކަމަށެވެ. އަދި އިއްތިހާދުން ވެސް ރައީސްއާ ސަލާން ކުރަން ދާނެ ކަމަށާއި އަދި އިސްތިއުފާ ދޭން ގޮވާލާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމިން ކައިރީ މިވަގުތަށް ދިވެހި ގައުމަށް އެންމެ ފައިދާވާނެ ގޮތަކީ އިސްތިއުފާ ދެއްވުންކަން ވިދާޅުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ އަދަދެއްގެ މީހުން މިކަމުގައި ބައިވެރިވުން،" މަހުލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ހުކުރަކަށް ފަހު އެމްޑީޕީ އިން ދުއާ ކުރާހެން މާދަމާ އީދު ނަމާދަށް ފަހުވެސް ދުއާ ކުރުން އޮންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. ނަމަވެސް އެއީ އެއްވެސް ހަމަނުޖެހުމެއް ނޫނީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި ބަދުދުއާއެއް ކަމަށް ދެކިވަޑައި ނުގަންނަވައި ފުލުހުންވެސް އާމުންނަށް ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.