އަހުމަދު މަހްލޫފު

ޔާމީނަށް މަހްލޫފް ރައްދު ދެއްވީ ތަފާސްހިސާބުން

މިސަރުކާރުން އެންމެ ބޮޑަށް އިހްމާލުވެފައިވަނީ ޒުވާނުންނަށް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ތަފާސްހިސާބު ބޭނުންކުރައްވައިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، ރައީސް ޔާމީނަށް ރައްދުދެއްވައިފި އެވެ.

އިދިކޮޅު ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ޒުވާނުން ހިއްސާކުރާއިރު ޒުވާނުންނަށް ކޮށްދޭންޖެހޭ ކަންކަމުގައި އަދި މިސަރުކާރުން ޒުވާނުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޒުވާނުންނަކީ މުހިއްމު ބައެއް ކަމުގައިވާތީ ޒުވާނުންނަށް ހާއްސަ ކޮށްގެން 104،000 ވަޒީފާ އުފެއްދެވީ އެމަނިކުފާނު ކަމުގައި ވިދާޅުވި އެވެ. އެކަމަކު ރައީސް ސޯލިހަށް މިހާތަނަށް އުފެއްދުނީ އެންމެ 2،000 ވަޒީފާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް މިނިސްޓަރު މަހްލޫފް ރައްދު ދެއްވީ މިހާރު ކުރިއަށްދާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވާ ބޭފުޅުންނަށް ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިހާރު ކުރިއަށްދާ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީއަށް ފަހު އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ ޔޫތު މިނިސްޓްރީން ކަމަށެވެ. އެގޮތުން 55 މަޝްރޫއު ނިންމާ އަދި ވަރަށް ގިނަ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވި އެވެ.

"ރޭގައިވެސް މާލޭގެ ސަރަހައްދަކަށް ބަޔަކު އެއްވެ ތިބެގެން ޒުވާނުންގެ ކަންތައްތައް ނުހިނގާ ވާހަކަ ދެއްކީމާ އަޅުގަނޑު މިހުރީ ހައިރާންވެފައި،" ޔާމީނަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފުރުސަތު ޒުވާނުންނަށް

ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު ފަހިކޮށްދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދާ މިނިސްޓްރީ އަކީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގައި އަދި މަތީ ތައުލީމު ހޯދުމަށް ހުރި އެހެން ފުރުސަތުތަކުގައި ވެސް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ކިޔަވަމުން ގެންދާތީ މިކަމުގެ ބައެއް މައުލޫމާތު މިނިސްޓަރު މަހްލޫފް ހިއްސާކުރެއްވި އެވެ. އެގޮތުން ވިދާޅުވީ މީގެކުރިން މުޅިންވެސް އަޑުއިވެމުން ދިޔައީ މައިންބަފައިން އެމީހުންގެ ދަރިންނަށް މަތީ ތައުލީމު ފޯރުކޮށްދެވޭނެ ގޮތެއް ނެތިގެން ސަލާން ޖަހަމުން ދިޔަ އަޑު ކަމަށެވެ. އެކަމަކު މިއަދު ރައީސް ސޯލިހްގެ ސަރުކާރުގައި 14،930 ކުދިން ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ދެން ކޮން ވާހަކައެއް ދައްކަން އޮތީ. އޭގެ ތެރެއިން 5،113 ކުދިން ކޯސް ނިންމާފައި މިއަދު އެތިބީ ވަޒީފާގެ ބާޒާރުގައި.،" މަހްލޫފް ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯން ސްކީމުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މިސްކީމުގެ ދަށުން 1،986 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. މީގެކުރިން މި ލޯންގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސަންޓެވެ. މިސަރުކާރުން ވަނީ އިންޓަރެސްޓް ރޭޓް އެއް ޕަސަންޓަށް ކުޑަކޮށްފަ އެވެ.

"އަސްލު ދޮގު ހަދާ މީހަކު ބުނަންޏާ ބުނާނީ އެވެސް [ސްޓޫޑަންޓް ލޯން ސްކީމް] ހިލެ އޭ. ސުން ޕަސަންޓޭ ބުނަންޖެހޭނީ މިއީ،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޮލާޝިޕް ފުރުސަތުގައި 468 ދަރިވަރަކު 20 ގައުމެއްގައި މިއަދު ކިޔަވަމުންދާ ކަމަށެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅޭގޮތުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މީގެ 100 ޕްރޮގްރާމު ހިންގާއިރު 1،500 ދަރިވަރުން މި ޕްރޮގްރާމުގައިވެސް އުޅޭ ކަމަށެވެ.

"އިއްޔެ ނޫން ކުރީ ދުވަހު ހަމައެކަނި އެޗްޑީސީއާ އެކީގައި 100 ކުދިންގެ ޕްރޮގްރާމެއް ފެށިން. މިދިޔަ އަހަރު ފެށި ޕްރޮގްރާމުގައި 60 ކުއްޖަކު ބައިވެރިވި. އޭގެތެރެއިން ޕްރޮގްރާމު ނިންމީ 49 ކުދިން. އޭގެތެރެއިން 30 ކުދިންނަށް ވަޒީފާ ލިބުނު. އެހެންވީމާ އަޅުގަނޑުމެންގެ ޒުވާނުންނަށް ސީދާ އަޅުގަނޑުމެންގެ މިނިސްޓްރީ [ޔޫތު މިނިސްޓްރީ] ތެރެއިން ނުދިޔަ ކަމުގައި ވިޔަސް ސަރުކާރުގެ އެކި ވުޒާރާތަކާ މެންޑޭޓް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން އެފަދަ އެތައް ކަމެއް ދަނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުން ބާރުވެރިކުރަން މަދަނީ ޖަމިއްޔާތައް ހަރުދަނާކުރުން

މިވެރިކަމުގެ ވަކި ހިސާބަކުން ޔޫތު މިނިސްޓްރީގެ މަސައްކަތްތަކަށް ބައެއް ބަދަލުތައް ގެނެސް މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓްރީއާ ހަވާލުކުރައްވާފަ އެވެ. މިބަދަލާ ގުޅިގެން މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ހުނަރު ދަސްކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ފަސް ރަށެއްގައި ފަސް މަހާސިންތާ މިހާތަނަށް ބާއްވާފައި ވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުތަކުގައި 186 ޖަމިއްޔާ ބައިވެރިވެފައިވެ އެވެ. އެ ޖަމިއްޔާތަކުން ކުރިއަށް ހުރި ޕްރޮގްރާމުތައް ރާވާ ހިންގާނެ ގޮތާއި، ޕްރޮޖެކްޓް ރިޕޯޓްތައް ލިޔެ، މުޖުތަމައުގައި އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ވަނީ މަހާސިންތާ ތަކުގައި ކިޔައިދީ ދަސްކޮށްދީފަ އެވެ.

މީގެއިތުރުން މަދަނީ ޖަމިއްޔާތަކަށް ފަންނީ އަދި މާލީ އެހީ ދެމުންދާ ކަމަށާއި އަދި ޖަމިއްޔާތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ކުރުމަށްޓަކައި ގްރާންޓް ޕްރޮގްރާމެއް ތައާރަފްކޮށްގެންވެސް ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

"ބައެއް ފަހަރު ޒުވާނަކާ ގުޅޭ ކޮންމެ ކަމެއް ދިމާވީމަ ބުނާނެ ކީއްހޭ ޔޫތު މިނިސްޓްރީން ކުރަނީ. އެކަމަކު ހަގީގަތަކީ ސަރުކާރުގެ މަސައްކަތްތައް ބެހިފައި އޮންނަ ގޮތުން ޒުވާނުންނާ ގުޅޭ ހުރިހާ ކަމެއް ކުރަން، އޭގެ އެންމެ އިސް ދައުރެއް އަދާކުރާ މިނިސްޓްރީ އަކީ އަޅުގަނޑުމެންނެއް ނޫން. އަޅުގަނޑުމެން މި ޖެހެނީ އެ މަސައްކަތެއް ހަވާލުވެފައި އޮތް މިނިސްޓްރީއަކަށް ދޭންޖެހޭ އެއްބާރުލުމެއް ދީގެން މަސައްކަތް ކުރަން." މަހްލޫފް ވިދާޅުވި އެވެ.

ސީދާ ޔޫތުގެ މިނިސްޓްރީން ތެރެއިން ކުރި މަސައްކަތްތައް

ޒުވާނުންނަށް އަމާޒުކޮށްގެން ސީދާ ޔޫތު މިނިސްޓްރީން ހިންގާ އެންމެ މުހިއްމު އެއް ހަރަކާތަކީ "ހަފްތާރެސް" އެވެ. މި ޕްރޮގްރާމުގެ ތެރެއިން ގާތްގަނޑަކަށް 3،005 ޒުވާނުންނާ ހަމައަށް ވާސިލްވެފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ. ލައިފްސްކިލްސް ޕްރޮގްރާމުތަކުގެ ތެރެއިން 1،200 ޒުވާނުންނާ ހަމައަށް ވާސިލްވެފައިވާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.

"އަޅުގަނޑުމެންނަށް 7،000 ޒުވާނުންނަށް ރީޗް ވެވިފައި އެބަހުރި ތަފާތު އެކިއެކި ޒުވާނުންނާ ގުޅޭ މައްސަލަތަކުގައި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކާއި ލާމަސީލް ޒުވާނާ ޕްރޮގްރާމާއި ނަފްސާނީ ދުޅަހެޔޮ ކަމުގެ ޕްރޮގްރާމާއި އަދި ކެރިއާ ގައިޑެންސް ފަދަ ޕްރޮގްރާމުތަކުގެ ތެރެއިން،" މަހްލޫފް ވިދާޅުވި އެވެ.

ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމު

ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާކުރުމަކީ ރައީސް އިބްރާހީމް ސޯލިހް ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް މަސައްކަތް ކުރުމުގެ ގޮތުން 60 އައުޓް ޑޯ ޖިމެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ. އަދި 28 އައުޓް ޑޯ ޖިމެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްތަކުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ރައީސް ސޯލިހް އަންގަވާފައިވާތީ 130 ރަށުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު މިހާރު ވާނީ ރަށްރަށަށް ފޮނުވާފައި ކަމަށެވެ.

"އަޅުގަނޑަށް ދެވޭ ކޮންމެ ރަށެއްގައި އައުޓް ޑޯ ޖިމް ނެތިއްޔާ އަހާނެ އޭ މަހްލޫފް ކޮބާ ތިމަންނަމެންނަށް ވެސް އައުޓް ޑޯ ޖިމެއް ހަދާލަ ދޭށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިބޭފުޅުންނަށް ދޭން އޮތް އުފާވެރި ހަބަރަކީ އައުޓް ޑޯ ޖިމްއާއި ކުޑަކުދިންގެ ޕާކާއި ގާއިމުނުކުރެވި ނުވަތަ ނުފޮނުވިވާ ކޮންމެ ރަށެއް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ބަޖެޓުގައި ވާނީ ހިމެނިފައި،" މަހްލޫފް ވިދާޅުވި އެވެ.

އުފެއްދި ވަޒީފާތަކުގެ އަދަދު

މިދިޔަ ސަރުކާރުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން 104،000 ވަޒީފާ އުފެއްދެވިއިރު ރައީސް ސޯލިހަށް މިހާތަނަށް އުފެއްދުނީ އެންމެ 2،000 ވަޒީފާ ކަމުގައި ރައީސް ޔާމީން ވިދާޅުވުމުން އެކަމަށްވެސް މަހްލޫފް ރައްދު ދެއްވީ ތަފާސްހިސާބުންނެވެ. އެގޮތުން ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކާ ހަވާލާދީ ރައީސް ޔާމީން ވިދާޅުވާ އަދަދުތަކުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަން ހާމަކުރެއްވި އެވެ.

އެގޮތުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އުފައްދާފައިވާނީ ޖުމްލަ 17،847 ވަޒީފާ ކަމަށެވެ. އެކަމަކު މިސަރުކާރުގައި މިހާތަނަށް 18،634 ވަޒީފާ އުފައްދާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ޕެންޝަން އޮފީހުންގެ ސްޓެޓިސްޓިކްސް އަށް ބަލައިގެން އަޅުގަނޑު މިވާހަކަ މިދަންނަވަނީ. އޭރުގައި ވިދާޅުވި ނޫންތޯ އެއްލައްކަ ވަޒީފާ އުފެއްދީމޭ. ސްޓެޓިސްޓިކްސް މި އެނގޭތޯ. އެހެރީ ފެންނަން،" މަހްލޫފް ވިދާޅުވި އެވެ.

ކުޅިވަރު ތަރައްގީކުރަން ކުރާ މަސައްކަތް

މިނިސްޓަރު މަހްލޫފް މިއަދު ވަނީ ކުޅިވަރު ކުރިއަރުވާ އަދި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ލިބިފައިވާ ކާމިޔާބީތައް ވެސް ތަފާސްހިސާބާ އެކު ހިއްސާކުރައްވާފަ އެވެ. މަހްލޫފް ވިދާޅުވީ ރަށްރަށުގައި ކުޅިވަރު ވަސީލަތް ގާއިމުކުރަނީ ރައްޔިތުން އެދޭ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

  • އައުޓް ޑޯ ވޮލީ ކޯޓު - 10 ރަށުގައި އަޅާފައި އަދި 38 ރަށުގައި މަސައްކަތް ކުރިއަށްދޭ
  • އިންޑޯ ވޮލީ ކޯޓު - ތިން މަޝްރޫއު ކުރިއަށްދޭ
  • ބެޑްމިންޓަން ކޯޓު - 11 ރަށުގައި ނިންމާ، 16 ކޯޓެއްގެ މަސައްކަތް ކުރިއަށް އެބަދޭ
  • ސްވިމިން ޓްރެކް - ހަ ރަށުގެ މަސައްކަތް ނިންމާފައި
  • ފުޓްސަލް ދަނޑު - 50 ރަށުގެ މަސައްކަތް ނިންމާ، 14 ރަށުގެ މަސައްކަތް ހިނގަމުން އެބަދޭ
  • ފުޓްބޯޅަ ދަނޑު - 38 ދަނޑުގެ މަސައްކަތް ނިންމާ، 85 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް
  • އިޖުތިމާއީ މަރުކަޒު - ތިން ރަށުގެ މަސައްކަތް ނިންމާ، 14 ރަށުގެ މަސައްކަތް ދަނީ ކުރިއަށް
  • ބައިނަލްއަގްވާމީ މެޑަލް - 20 ރަން މެޑަލް، 12 ރިހި މެޑަލް، 42 ލޯ މެޑަލް ހޯދާފައިވޭ
  • ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އުފެއްދުން
  • ކުޅިވަރުތަކާއި ޖިންސު ތަފާތު ނުކޮށް ގައުމީ ޓީމުތަކުގެ ކުުޅުންތެރިންނަށް އެއްވަރެއްގެ މުސާރައެއް ދޭން ފެށުން

މިނިސްޓަރު މަހްލޫފް ވިދާޅުވީ މިއަދު ކުޅިވަރު ކުރިއަރުވާ ތަރައްގީކުރަނީ ވަކި ކުޅިވަރެއް ތަފާތު ނުކޮށް ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ނެޓްބޯލް އަދި ބާސްކެޓް ބޯލް ކޯޓު އަޅައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ގޮތަށް އެތުލެޓިކްސް ސިންތެޓިކް ޓްރެކް މިސަރުކާރުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގެ އެންމެ ރަނގަޅު ކޯޗުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. ދިވެހި އެތުލީޓުންނަށް މީގެކުރިން ދުވަހަކުވެސް ލިބިފައި ނުވާ މިންވަރަށް ބޭރު ގައުމުތަކުގައި ކުޅިވަރުގެ ދާއިރާ އިން ކިޔެވުމަށް އަދި ތަމްރީން ވުމަށް މިސަރުކާރުގައި އެތައް ފުރުސަތެއް ހޯދައިދެވިއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެއިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރު، ނެޝަނަލް ބާސްކެޓް ބޯލް އެރީނާ، ނެޝަނަލް ވޮލީ ކޯޓް ޓްރެއިނިން ސެންޓަރު އަދި ގަލޮޅު ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުޅިވަރުގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ރައީސް ސޯލިހް ވަރަށް ބޮޑު އިސްކަމަކާއި އެހީތެރިކަމެއް ދެއްވާ ކަމަށް ވިދާޅުވެ މިނިސްޓަރު މަހްލޫފް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އަޅުގަނޑު ވަރަށް ކެރިގެން ވަރަށް ސާބިތުކަމާ އެކީ ދަންނަވަން މިދިޔަ ހަތަރު އަހަރު ދުވަހަކީ މީގެ ކުރިން ދުވަހަކުވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާއަށް ބަލާއިރު އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް ކޮށްފައި އޮތް އަހަރުތަކެއް. އިރާދަކުރެއްވިއްޔާ ހަމަ އެގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނަން." މަހްލޫފް ވިދާޅުވި އެވެ.