ރައީސް އަބްދުﷲ ޔާމީން

ސަރުކާރު ވަނީ ޒުވާނުންނަށް އިހްމާލުވެފައި: ޔާމީން

Aug 19, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ބޮޑަށް އިހްމާލުވެފައިވަނީ އަދުގެ ޒުވާނުންގެ މައްސަލަތަކުގައި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މާދަމާ ދިވެހި ގައުމު ހިންގަން ތިބި މީހުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ އަދުގެ ޒުވާނުން ކަމަށެވެ. އެކަމަކު ޒުވާނުންނަށް ކޮށްދޭންޖެހޭ ކަންކަމުގައި އަދި މިސަރުކާރުން ޒުވާނުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށެވެ.

"ސަރުކާރަކުން ކަންކަން ކުރި މިންވަރު ވަޒަންކުރާއިރު އެންމެ ބޮޑަށް ބަލާނީ ޒުވާނުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ކަންކުރާ ގޮތް. އެކަންކަމަށް ބަލާއިރު މިސަރުކާރުން ވަނީ ޒުވާނުންނާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައި،" ޔާމީން ވިދާޅުވި އެވެ.

މިސަރުކާރުން އާމްދަނީ ހޯދަނީ ޒުވާނުންގެ އަތުން ނަގާ ޖޫރިމަނާ ފައިސާ އިން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ޕާކް ކުރާނެ ޖާގަ ނުދައްކާ ގަވައިދަށް ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޖޫރިމަނާ ނުކުރާނެ ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި ކަމަށް ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ޖޫރިމަނާކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ 100 މިލިއަނުން 200 މިލިއަނަށް މިސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ޕާކް ކުރާނެ ޖާގަ ސަރުކާރުން ދައްކާފައި ނެތް ކަމަށެވެ.

މިސަރުކާރުގައި ޖޫރިމަނާކޮށްގެން ހޯދާ ފައިސާގެ އަދަދު އިތުރުކޮށްފައިވާތީ ރައީސް ޔާމީން މިސަރުކާރު ސިފަކުރެއްވީ "ސްޓިކާ ސަރުކާރެއް"ގެ ގޮތުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ޒުވާނުންނަށް 4،000 ފްލެޓް ދިނުމަށްވެސް ވައުދުވި ކަމަށެވެ. އެކަމަކު ސަރުކާރަށް މަލާމާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ފުލެޓުތައް ފެނިވަޑައިނުގަންނަވަނީ ކަނޑުއަޑީގައި ހުރުމުން ކަމުގައި ވެދާނެ ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުގައި ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޒުވާނުންނަކީ މުހިއްމު ބައެއް ކަމުގައިވާތީ ޒުވާނުންނަށް ހާއްސަ ކޮށްގެން 104،000 ވަޒީފާ އުފެއްދެވީ އެމަނިކުފާނު ކަމުގައި ވިދާޅުވި އެވެ. އެކަމަކު ރައީސް ސޯލިހަށް މިހާތަނަށް އުފެއްދުނީ އެންމެ 2،000 ވަޒީފާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަން މިއަދު ކަސިޔާރުވެގެންދާ ކަމަށެވެ. އެކަމަކު ޒުވާނުން ހަމަމަގަށް އަޅުވާ ސަލާމަތް ކުރުމަށް މިސަރުކާރުގައި ތަރުތީބުވެފައިވާ ހަރުދަނާ ސިޔާސަތުތަކެއް ނެތް ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.