އިބްރާހިމް ޝަރީފު

މިނިސްޓްރީތަކުގެ މައްޗަށް މަޖިލީހަށް ހުކުމްތައް ނުނެރެވޭނެ: ޝަރީފް

މިނިސްޓްރީތަކުގެ މައްޗަށް ވަކި ގޮތަކަށް އަމަލު ކުރަން އަންގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން "ޝަރުއީ ހުކުމްތަކެއް" ނުކުރެވޭނެ ކަމަށް ވިދާޅުވެ، މަޖިލިސް ހިންގަމުންދާ ގޮތާ މެދު އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވިއިރު ވެސް މެންބަރު ކަން ކުރެއްވި ޝަރީފް މިހެން ވިދާޅުވީ، ކުޅިވަރު ގާނޫނާ އެއް ގޮތަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވުމުންނެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކުރެވެމުން ދަނީ ގާނޫނު އަސާސީއާއި ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެފްއޭއެމަށް ފިޔަވަޅު އަޅަން ގޮވާލާފައިވާ އެ މައްސަލާގައި ހިމެނޭ ކަންކަމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެފްއޭއެމްއާއި ސްޕޯޓްސް މިނިސްޓްރީން ގާނޫނުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެއްވެސް ވުޒާރާއަކުން ނުވަތަ މުއައްސަސާއަކުން ގާނޫނާ ހިލާފުވެއްޖެ ކަމަށް މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށް ޝަރީފް ވިދާޅުވެއްޖެ އެވެ.

"ޝަރީއަތް ކޮށްގެން ގާނޫނީ ހިލާފު ވެއްޖެ ކަމަށް ވަކި ވަޒީރެއްގެ މައްޗަށް، ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ލާޒިމުކޮށް އަމުރު ކުރަން މި ތަނަށް މައްސަލަ ހުށަހަޅައިގެން ވަލު ދޮރާށިން ކަން ކުރާ ގޮތް ކަމަކު ނުދޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާއަށް މައްސަލަތައް އެޖެންޑާ ކުރަނީ އެ މައްސަލާގައި ގާނޫނާ ހިލާފު ކަމެއް ވޭތޯ ބެލުމަށް ފަހު އެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ގާނޫނާ ހިލާފު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮންނަ ކަންކަން ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ދައުލަތުން އަމަލު ކުރަން ޖެހޭ ގާނޫނުތައް ހެދުމާއި، ދައުލަތް ޖަވާބުދާރީކުރުވުމާއި މުއައްސަސާތަކުން އަމަލު ކުރަނީ ގާނޫނުތަކާ އެއް ގޮތަށްތޯ ބެލުން ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ތަން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން، މިއީ ރާއްޖޭގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ މަސައްކަތް ބަޔާންކޮށްފައިވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް، އަލީ އާޒިމް މިފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، ޔޫތު މިނިސްޓަރު ކަމާ އަހުމަދު މަހްލޫފު ހަވާލުވެވަޑައިގެންނެވި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލަށް ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް އެފްއޭއެމްއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން މިނިސްޓްރީން އެ މަސައްކަތް ހުއްޓާލި އެވެ.