ކްރިމިނަލް ކޯޓް

ޔާމީން އާއި މަހުލޫފްގެ ޝަރީއަތް މާދަމާ

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަޑުއެހުމަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެ އަޑުއެހުމަށް ކޯޓަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ފަސް ވަކީލުންގެ ތެރެއިން ތިން ވަކީލުންނެވެ.

ދިފާއީ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ މަޝްވަރާ ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އަނެއް ދެ ވަކީލުންނާއި ބައްދަލު ނުވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ޖަމީލް އެދިވަޑައިގެންނެވީ ހުރިހާ ވަކީލުންނާ އެކީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް، ޝަރީއަތްތައް ފަސްކޮށްލުމަށެވެ. އެކަމަކު އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މިއަދު ދައުވާ އިއްވުމަކުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.

އެހެން ކަމުން ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އިއްވާފަ އެވެ. ދައުވާ އިއްވުމަށްފަހު މި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތުވާ މުއާމަލާތުގައި ހިމެނޭ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދުނެވެ.

ދައުވާ އިއްވުމުން ރައީސް ޔާމީން ވިދާޅުވީ ދައުވާ ސާފުވެ ވަޑައި ނުގަންނަވާ ކަމަށާއި އެ ކަނިކުފާނުގެ ހުރިހާ ވަކީލުންނާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ގާޒީ ވިދާޅުވީ، ދައުވާ ސާފުވިތޯ ޝަރީއަތުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުވާ ސާފުވިތޯ ކަށަވަރުކޮށް، ދައުވާއަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު އިދާރީ މައްސަލައެއް ޖެހުމުން އެދުވަހުގެ އަޑުއެހުން ކެންސަލް ކުރީ އެވެ.

އޭގެ ފަހުން މި މައްސަލަ ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވި އެވެ. ކޯޓުގެ އެ ނިންމުމާ ގުޅިގެން މަހްލޫފްގެ މައްސަލައާއި އެހެން މައްސަލަތައް ތަފާތުކުރާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް އާންމުން ވަރަށް ބޮޑަށް ކިޔާފައިވެ އެވެ.

ފާޑުކިޔުން ބޮޑުވުމުން މާދަމާ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. މާދަމާގެ އަޑުއެހުން އޮތީ މެންދުރު 1:30 ގައެވެ.