އިޒްރޭލް

ހަ އަހަރަށް ފަހު ތުރުކީން އިޒްރޭލާއެކު އަލުން ގުޅުން ގާއިމްކޮށްފި

Jun 28, 2016

ތުރުކީއާއި އިޒްރޭލާ ދެމެދު ގޯސްވެފައިވާ ގުޅުންތައް އަލުން ގާއިމު ކުރުމަށް ދެ ގައުމުގެ ދެމެދުގައި ހަ އަހަރަށްފަހު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

މިއަދު އިޓަލީގެ ރޯމްގައިވި އެއެބަސްވުމުގެ ދަށުން ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީއަށް ފުރުސަތު ލިބިގެންދާނެ އެވެ.

ތުރުކީއިން ވަނީ ކުރިއަށް އޮތް ފިތުރު އީދުގެ ކުރިން ގާޒާއަށް އެހީގެ ފްލީޓެއް ފޮނުވުމަށް ނިންމާފަ އެވެ. އެގޮތުން މިއަންނަ ހުކުރު ދުވަހު 10000 ޓަނުގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް ތުރުކީއިން ދަނީ ތައްޔާރު ވަމުންނެވެ.

އިޒްރޭލާ ތުރުކީއާ ދެމެދު ގުޅުން ގޯސްވީ، 2010 ވަނަ އަހަރު ތުރުކީއިން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ފޮނުވި އެހީގެ ފްލީޓަށް ހުރަސް އަޅައި، އެ ފްލީޓްގައި ހިމެނޭ 10 މީހަކު މަރާލުމާ ގުޅިގެންނެވެ.

އެއަށްފަހު ތުރުކީއިން ވަނީ އިސްރާއީލާއެކު އޮންނަ ގުޅުންތައް ހަނިކޮށްފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު އިޒްރޭލުން ވަނީ ތުރުކީއާ އެކު މަޝްވަރާ ކުރުމަށް ހުށަހަޅާފަ އެވެ.

ނަމަވެސް ތުރުކީން ބުނީ އިޒްރޭލުން ރަސްމީކޮށް މާފަށް ނޭދޭނަމަ، އެއްވެސް ވާހަކައެއް ދައްކަން އެއްބަސް ނުވާނެ ކަމަށެވެ. އޭރު އިޒްރޭލުން ވަނީ މާފަށް އެދެން ދެކޮޅު ހަދާފައެވެ.

އޭގެ ފަހުން އިޒްރޭލްގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ 2013 ވަނަ އަހަރު ތުރުކީގެ ކިބައިން މާފަށް އެދެން ރަސްމީކޮށް ހުށަހަޅާފަ އެވެ.