ޕާޓީތަކާއި އިންތިހާބާގުޅޭ އެކި ކަންކަމުގައި މަޝްވަރާކުރުމަށް ސިޔާސީ ޕާޓީތަކާއެކު އިލެކްޝަން ކޮމިޝަނުން މިއަދު މަޝްވަރާކޮށްފި އެވެ.
ހަ ޕާޓީ އިންވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެވެ. އީސީ އިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްފައި މިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ރާއްޖެއަށް ތައާރަފު ކުރުމަށް ނިންމުމާ ގުޅިގެން ސަރުކާރާ އިދިކޮޅު ބައެއް ޕާޓީތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ މިއަދު ހެނދުނު ބާއްވާފައިވާ ކަމަށާއި، މިއަދުގެ ސެޝަންގައި ހުރިހާ ޕާޓީއަކުން ވެސް މެމްބަރުން ހާޒިރުވެފައިވާ ކަމަށެވެ. އެއީ އެ ކޮމިޝަންގެ އެންގުންތަކާއި މަސައްކަތްތަކަށް ޕާޓީތަކުން އިސްކަންދީ އެއްބާރުލުން ދޭކަން ހާމަވާ ކަމެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މައިގަނޑުކޮށް ވާހަކަ ދައްކާފައިވަނީ މެމްބަޝިޕް ފޯމްތަކުގެ މައްސަލަތަކާއި ފޯމްތަކުގައި ފިންގަޕްރިންޓް ޖަހަންޖެހޭ މައްސަލަ އާއި އީވޯޓިން ފަދަ މައުލޫތަކަށް ކަމަށް އީސީން ބުންޏެވެ. އަދި ހުރިހާ ޕާޓީއަކުންވެސް ވަރަށް ބިނާކުރުވަނިވި ވާހަކަތަކާއި ފާޑުކިޔުންތައް ހުށަހަޅާފައިވާ ކަމަށާއި މިއަދުގެ ބައްދަލުވުމުގައި ބައެއް ކަންކަން ވަކި ގޮތަކަށް ނުނިންމޭތީ މާދަމާއަށް ވެސް ބައްދަލުވުން ތާވަލުކުރުމަށް ހުރިހާ ޕާޓީއަކުން އިއްތިފާގުވި ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގެ ބައެއް މާދަމާ ވެސް ކުރިޔަށް ގެންދާނެ އެވެ.