ޕާކިސްތާން

ޕާކިސްތާނުން ރާއްޖެއަށް 100 ޑޮކްޓަރުން ފޮނުވައި ދެނީ

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް 100 ޑޮކްޓަރުން ފޮނުވަން ނިންމައިފި އެވެ.

ޕާކިސްތާނުގެ "ޕާކިސްތާނު އޮބްޒާވާ" އިން މިއަދު ބުނެފައި ވަނީ ކޮންޓްރެކްޓް އުސޫލުން ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފޮނުވާ ޑޮކްޓަރުންނަށް ހުރުމާއި އެހެނިހެން ހަރަދުތަކުގެ އިތުރުން 2000 އެމެރިކާ ޑޮލަރުގެ މުސާރައެއް ދޭނެ ކަމަށާއި އެ ހަރަދު ކުރާނީ ޕާކިސްތާނުން ކަމަށެވެ.

އަދި ބުނެފައި ވަނީ ދެ ސަރުކާރުގެ މެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން 100 ޑޮކްޓަރުން ފޮނުވާނީ އަންނަ އަހަރުގައި ކަމަށެވެ.

އެ ނޫހުން ބުނީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި ގޮތަށް ޑޮކްޓަރުންގެ އެހީ ހަމަޖެހިފައިވާ ކަމަށާއި ރާއްޖެއަށް ފޮނުވާނީ ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ އެމްބީބީއެސް ޑޮކްޓަރުން ކަމަށެވެ.