މިއީ ފިލްމު އުފެއްދުން އޭނާގެ މައްޗަށް އީރާނުގެ ސަރުކާރުން މަނާކުރިފަހުން ޑައިރެކްޓްކުރި ތިން ވަނަ ފިލްމެވެ. ފިލްމުތަކުގައި ސަރުކާރާ ދެކޮޅަށް ޕްރޮޕެގެންޑާ ހިންގާ ކަމަށް ތުހުމަތުކޮށް، ފިލްމު އުފެއްދުން ޔަނާހީގެ މައްޗަށް އީރާނު ސަރުކާރުން މަނާކުރީ 2010 ވަނަ އަހަރު އެވެ.
އޭނާ އަކީ އީރާނުގެ އެންމެ ޝަރަފްވެރި މެޑަލް ޖަހާފައިވާ ޑައިރެކްޓަރުންގެ ތެރެއިން ނަމެކެވެ. "ދަ ވައިޓް ބެލޫން" އިން ދުނިޔޭގެ ސަމާލުކަން 1995 ވަނަ އަހަރު ހޯދި މި ޑައިރެކްޓަރު އަދިވެސް ހުރީ އީރާނުގެ ބަންދުގަ އެވެ.
އެހެންވެ، ބާލިން ފިލްމު ފެސްޓިވަލްގައި ބައިވެރިވެ އެވޯޑާ ހަވާލުވުމުގެ ފުރުސަތެއް ވެސް ނުލިބުނެވެ. ނަމަވެސް އޭނާ ބުނަނީ ފިލްމު އުފެއްދުން ހުއްޓައިނުލާނެ ކަމަށެވެ.
ޔަނާހީ އަކީ ބާލިން ފިލްމު ފެސްޓިވަލްގައި ކުރިން ސިލްވާ ބެއާ ވސް ހާސިލުކޮށްފައިވާ ޑައިރެކްޓަރެކެވެ. އެއީ 2006 ވަނަ އަހަރު ނެރުނު އޭނާގެ މަޝްހޫރު ފިލްމު "އޮފްސައިޑް" އިންނެވެ.
ފިލްމު އުފެއްދުން މަނާކޮށް އޭނާގެ މައްޗަށް 20 އަހަރުގެ ހުކުމެއް އީރާނުން އިއްވާފައިވާއިރު އެންމެ ފަހުން ޑައިރެކްޓްކުރި ދެ ފިލްމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ އީރާނުގެ ރަސްމީ ފަރާތްތަކަށް ނިކަން ވަގަށެވެ. އެގޮތުން "ދިސް އިޒް ނޮޓް އަ ފިލްމް" ގެ ނަމުގައި ނެރުނު ޑޮކިއުމެންޓްރީ އަކީ އޭނާގެ އަމިއްލަ ގޭގައި ޝޫޓްކޮށް، ޕެންޑްރައިވަކަށް އަޅައިގެން ކޭކެއެއްގެ ތެރޭގައި ފޮރުވައިގެން އީރާނުން ބޭރުކޮށްފައިވާ ފިލްމެކެވެ.
އޭނާގެ އާ ފިލްމު "ޓެކްސީ" ގައި ވެސް ދައްކުވައި ދެނީ ގާތްގަނޑަކަށް އެއް މަންޒަރުތަކެކެވެ. އެގޮތުން ފިލްމުގައި ޖުމްލަ ގޮތެއްގައި ފެންނަނީ ޓެކްސީއެއްގެ ތެރޭގައި ހިނގާ ކަންކަމެވެ.
މި ފިލްމު އެންމެ މޮޅު ފިލްމަކަށް ހޮވުނީ ގޯލްޑެން ބެއާ އެވޯޑަށް ވާދަކުރި 19 ފިލްމެއްގެ ތެރެއިންނެވެ. މިފަހަރުގެ ފެސްޓިވަލްގެ ޖޫރީގެ ރައީސަކީ އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޑެރެން އެރޮނޮސްކީ އެވެ.