ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލި މައްސަލާގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން ދިވެހި ސަރުކާރަށް އަންގައިފި އެވެ.
ނާޒިމްގެ މައްސަލަ އދ. ގެ ވޯކިން ގުރޫޕަށް ހުށަހަޅާފައިވަނީ، އެމްނެސްޓީ އިންޓަނޭޝަނަލްއިންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލަށް ނާޒިމްގެ މައްސަލަ މިދިޔަ އަހަރު ހުށަހެޅީ ނާޒިމްގެ އާއިލާއިންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން އެ މައްސަލަ ދިރާސާ ކުރުމަށްފަހު، ވޯކިން ގުރޫޕަށް ހުށަހަޅާފައިވާއިރު ނާޒިމްގެ އާއިލާއިން ބުނެފައިވަނީ މައްސަލަ ވޯކިން ގުރޫޕަށް ހުށަހަޅަން ނިންމީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނާޒިމަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިރޭ ވިދާޅުވީ، އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން މި މައްސަލާގައި ޖަވާބުދާރީވުމަށް ވޯކިން ގުރޫޕުން ސަރުކާރަށް އަންގާފައިވާ ކަމަށް އެމްނެސްޓީއިން އެ އާއިލާއަށް އަންގާފައިވާ ކަމަށެވެ.
ނާޒިމް 11 އަހަރަށް ޖަލަށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފަ އެވެ. އަދި ނާޒިމަށް ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ. މިއާއެކު 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވުމުގެ ދޮރުތައް ނާޒިމަށް ވަނީ ބަންދުވެފަ އެވެ. ހަމައެކަނި އޮތް ފުރުސަތަކީ ރައީސް މައާފު ދެއްވުމެވެ.
މީގެކުރިން ރައީސް ނަޝީދު ދޫކޮށްލުމަށް ވެސް ވޯކިން ގްރޫޕުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ، ވޯކިން ގުރޫޕުގެ ނިންމުމަކީ ގާނޫނީ ގޮތުން ބުރަދަނެއް ހުރި ނިންމުމެއް ނޫން ކަމަށެވެ. އަދި އެއީ ތަންފީޒުކުރަންޖެހޭ ނިންމުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްސަލަ ވެސް ވޯކިން ގުރޫޕް އޮން އާބިޓަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅާފަ އެވެ. މި މައްސަލަ ވޯކިން ގުރޫޕަށް ހުށަހެޅީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުގެ ފަރާތުންނެވެ